ހަބަރު

ފިހާޅޮހީގައި މަރުވި ޗައިނާ ދެ އަންހެނަކުންނަކީ ދެބެއިން

Mar 9, 2015

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާ ހަވާލާދީ ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުނީ ހުކުރު ދުވަހު މެންދުރު ފަހު ރިސޯޓުގައި މޫދަށް އެރި އުޅެނިކޮށް ދެބެއިންގެ ތެރެއިން އެކަކު ރާޅަކާ އެކު ބޭރަށް ދިޔައީ ކަމަށާއި އޭނާ ސަލާމަތްކުރަން ދެން ހުރި މީހާ ދިޔުމުން ދެ މީހުން ވެސް ގެނބުނީ ކަމަށެވެ.

މަރުވި އެކަކީ އުމުރުން 35 އަހަރުގެ މީިހެކެވެ. އަނެއް މީހާގެ އުމުރަކީ 25 އަހަރެވެ.

"އެއީ ގަދަ ދުވަހެއް. އެ ދެ މީހުންކުރެ އެކަކު ވެސް ތިބީ ލައިފް ޖެކެޓް އަޅައިގެންނެއް ނޫން،" އެމްބަސީ އޮފިޝަލަކާ ހަވާލާދީ ނޫހުގައި ބުނެފައިވެ އެވެ.

އޮފިޝަލް ވިދާޅުވެފައި ވަނީ މޫދަށް އެރި އުޅޭއިރު ލައިފް ޖެކެޓް އަަޅަައިގެން އުޅުމަށް ވަރަށް ބޮޑަށް ބާރު އަޅާ ކަމަށާއި އެކަމަކު މަރުވި ދެ މީހުން އެ ލަފަޔާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ މަރުވި ދެ މީހުންގެ އާއިލާ އެ ހާދިސާއާ ގުޅިގެން ރާއްޖެ އައިސްފައިވާ ކަމަށެވެ.