ބަޣާވާތަކުން ވެރިކަމަށް ވަޑައިގެން 22 އަހަރު ވަންދެން ވެރިކަން ކުރެއްވުމަށް ފަހު ގެމްބިއާ ދޫކުރައްވައި ވަޑައިގެންނެވި ޔަހުޔާ ޖައްމާ އެގައުމުގެ ހަޒާނާއިން 11 މިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ ނަންގަވާފައިވާ ކަމަށް އާ ސަރުކާރުން ތުހުމަތު ކޮށްފި އެވެ.
ގެމްބިއާގެ އާ ރައީސް އަދަމާ ބަރޯގެ އަރިސް ބޭފުޅެއް ކަމަށްވާ އަހުމަދު އައްތީ ވިދާޅުވީ ޖައްމާ މަގާމުގައި ހުންނެވި ފަހު ދުވަސްތަކުގައި ދައުލަތުގެ ހަޒާނާ ހުސް ކުރައްވާފައިވާ ކަމަށެވެ. އަދި އަގު ބޮޑު ވެހިކަލްތައް ކާގޯ މަތިންދާބޯޓަކަށް އަރުވައިގެން ގެންދަވަން މަސައްކަތް ކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ތިޖޫރީތައް ހުރީ ހުސްކޮށް. ދެހަފްތާ ތެރޭގައި ޖައްމާ ވަނީ 500 މިލިޔަން ދަލާސީ (11 މިލިޔަން ޑޮލަރު) ނަންގަވާފައި. އަޅުގަނޑުމެން ހަވާލުވާއިރު ގެމްބިއާ ސަރުކާރަށް ވަނީ މާލީ ދަތިކަމަކާ ކުރިމަތިވެފައި،" ސެނެގާލްގެ ވެރިރަށް ޑާކާރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ފައްތީ ވިދާޅުވި އެވެ.
ގެމްބިއާގައި ބޭއްވި ރިޔާސީ އިންތިހާބުން ބަލިވެވަޑައިގެންނެވުމުން މަގާމު ދޫކޮށްލައްވަން ޖައްމާ ފުރަތަމަ ދެކޮޅު ހެއްދެވި އެވެ. މަގާމު ދޫކޮށް ނުލައްވަން ވެގެން ގައުމުގައި ކުއްލި ހާލަތު ވެސް އިއުލާން ކުރެއްވުމަށް ފަހު ޖައްމާ މަގާމު ދޫކޮށްލައްވަން އެއްބަސްވެވަޑައިގެންނެވީ އެފްރިކާ އިއްތިހާދުގެ ސިފައިން ގެމްބިއާއަށް އެރުމުންނެވެ.
އެފްރިކާ އިއްތިހާދުގެ ސިފައިން ގެމްބިއާއަށް ފޮނުވަން އުޅުމުން ޖައްމާ ފުރަތަމަ ވިދާޅުވީ އެކަމާ ކުރިމަތިލައްވާނެ ކަމަށެވެ. ނަމަވެސް ގެމްބިއާގެ ސިފައިންގެ ވެރިން އެކަމާ ދެކޮޅު ހެއްދެވި އެވެ. މަގާމު ދޫކޮށްލެއްވުމަށް ފަހު އިކުއެޓޯރިއަލް ގިނީއަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުއެވެ.