ދެކުނު ކޮރެއާގެ ވަގުތީ ރައީސް، ހާން ޑުކްސޫ މަގާމުން ދުރުކުރަން އެ ގައުމުގެ ގާނޫންހަދާ މަޖިލީހުން ފާސްކޮށްފި އެވެ. އޭނާ މަގާމުން ދުރުކުރަން ހުށަހެޅީ އިދިކޮޅު ކޯލިޝަނުންނެވެ.
ހާން ޑުކްސޫ ވަގުތީ ރައީސްގެ މަގާމަށް އިސްކުރެވުނީ ޑިސެމްބަރު 14 ވަނަ ދުވަހު އެވެ. އެއީ ރައީސްގެ މަގާމުގައި އޭރު ހުންނެވި ޔޫން ސުކް ޔޯލްއަށް އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން މަގާމުން ދުރުކުރީ ގާނޫނާ ޚިލާފަށް އެ ގައުމުގައި އަސްކަރީ ގާނޫން އިއުލާންކުރުމާ ގުޅިގެންނެވެ. ޔޫން މަގާމުން ދުރުކުރަން ވެސް ހުށަހެޅި އިދިކޮޅު ކޯލިޝަނުންނެވެ.
ވަގުތީ ރައީސް ހާން މަގާމުން ދުރުކޮށްފައި މި ވަނީ، ކުރީގެ ރައީސް ޔޫން މަގާމުން ދުރުކުރަން ގާނޫންހަދާ މަޖިލީހުން ނިންމި ނިންމުން ތަންފީޒުކުރުމަށް ދެން އޮތް މަރުހަލާ -- ދުސްތޫރީ ކޯޓަށް ހުށަހެޅުމަށް، އެ ކޯޓަށް ބޭނުންވާ ތިން ފަނޑިޔާރުން އައްޔަން ނުކުރެއްވުމާ ގުޅިގެންނެވެ.
އަދި ޔޫންގެ އަނބިކަންބަލުންނާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަަތައް ބެލުމަށް ހުއްދަ ނުދެއްވުމާ ގުޅިގެންނެވެ.
އިންތިގާލީ ރައީސް ހާން މަގާމުން ދުރުކުރަން ނެގި ވޯޓުގައި އޭނާ ނިސްބަތްވާ ޕީޕަލްސް ޕަވާ ޕާޓީގެ މެމްބަރުން ބައިވެރިއެއް ނުވެ އެވެ. މިހެން ކަން ހިނގައިދިއުމުން ވޯޓު ފާސްކުރުމުގައި ދަތިތަކެއް ކުރިމައްޗެއް ނުވި އެވެ.
ދެކުނު ކޮރެއާގެ ވަގުތީ ރައީސްގެ މަގާމާ ދެން ހަވާލުވެވަޑައިގަންނަވާނީ މާލީ ވަޒީރު ޗޮއި ސަންގް މޮކް އެވެ.
ޗޮއިގެ ޒިންމާ އަކީ ގައުމުގެ ދާޚިލީ ފޭރާން ހެޔޮވަރުކޮށް އަމަން ބެލެހެއްޓުމުގައި އަދުލުވެރިވެވަޑައިގަތުމެވެ. އަދި ރައީސް ޔޫން އާއި ވަގުތީ ރައީސް ހާންއާ މެދު ގޮތެއް ނިންމުމަށް ދުސްތޫރީ ކޯޓަށް ހުށަހެޅުމެވެ.
ޔޫން ސުކް ޔޯލް ވަކިކުރަން ދުސްތޫރީ ކޯޓުން ފާސްކޮށްފި ނަމަ ޖެހިގެން އޮތް 60 ދުވަހުގެ ތެރޭގައި އިލެކްޝަން ބޭއްވުމަކީ ވެސް އިންތިގާލީ ރައީސްގެ ޒިންމާއަކަށް ވާނެ އެވެ.