ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ޑިސެމްބަރު 3، 2024 ގައި އިއުލާންކުރެއްވި އަސްކަރީ ގާނޫނާ ގުޅިގެން ހިނގާދިޔަ ހަމަނުޖެހުންތަކުގައި، އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް މިހާރު ވަނީ މަގާމުން ދުރުކޮށްފަ އެވެ.
ރައީސް ޔޫންގެ މައްޗަށް އިތުބާރު ނެތް ކަމަށް އިދިކޮޅު ޑިމޮކްރެޓުން ހުށަހެޅި ކަރުދާސް ފާސްކުރުމަށް ގާނުންހަދާ މަޖިލީހުގައި ބޭއްވި އެއްވުން ހުއްޓުވުމަށް، ޔޫންގެ އަމުރަށް ހަތިޔާރާ އެކު ފުލުހުން ވަނީ މަޖިލީހަށް ވަދެފަ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން ބުނާ ގޮތުން، ފުލުހުން މަޖިލީހަށް ވަނުމުގައި މަދަނީ ބަސްނޭހުން އިޚުޔާރުކޮށްފި ނަމަ، އަދި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައިފި ނަމަ އެ މީހެއްގެ ގަޔަށް ބަޑިޖަހަށް ޔޫން ވަނީ ފުލުހުންނަށް ހުއްދަދެއްވާފަ އެވެ.
ނަމަވެސް، ޔޫންގެ ސަރުކާރުން އަސްކަރީ ގާނޫން އިއުލާންކުރީ ގާނޫނާ ޚިލާފަށް ކަމަށް މަޖިލީހުން ކަނޑައެޅުމާ ގުޅިގެން، ފުލުހުން މަޖިލީހަށް ނުވަދެ އެނބުރި ދިޔައީ އެވެ.
ދެކުނު ކޮރެއާގައި އަސްކަރީ ގާނޫން އިއުލާންކުރުމާ ގުޅިގެން އުފެދިފައި ހުރި މައްސަލަތަކުގައި ޕްރޮސެކިޔުޓަރުން މިހާރު ބަލަމުންދަނީ، އަސްކަރީ ގާނޫން އިއުލާންކުރަން ޖެހުނު ސަބަބެވެ. އަދި އެފަދަ ހާލަތެއް ނެތި އަސްކަރީ ގާނޫން އިއުލާންކުރުމަށް ޔޫން އަމުރުކުރެއްވީ ކީއްވެތޯ ވެސް ބަލާނެ އެވެ.
ޔޫންގެ ފަރާތުން ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު، އަސްކަރީ ގާނޫން އިއުލާންކުރީ އިދިކޮޅާ ހެދި ގައުމު ހިންގެން ނެތުމެވެ. އަދި އުތުރު ކޮރެއާއަށް ތާއީދުކުރާ ބަޔަކު ސިފައިންގެ ތެރޭގައި ހިމެނޭތީ އެ ބައެއްގެ ބާރުކަނޑުވާލުމަކީ ވެސް ބޭނުމެކެވެ.
ޔޫން މަގާމުން ދުރުކުރަން ގާނޫންހަދާ މަޖިލީހުގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، އޭނާ ދުރުކުރަން ބޭނުންވާ ވަރަށް ވޯޓެއް ނުލިބުނެވެ. އެކަމަކު ފަހުން ބޭއްވި ދެވަނަ ބުރުގައި އަޣުލަބިއްޔަތުން ވަނީ ވޯޓު ކާމިޔާބުކޮށް ރައީސްގެ މަގާނުން ޔޫން ދުރުކޮށްފަ އެވެ.