ދުނިޔެ

ދެކުނު ކޮރެއާގެ ރައީސް ޔޫން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފި

އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ދުރުކޮށް އަދި މިވަގުތު ބަންދުގައި ހުންނެވި ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފި އެވެ.

ދެކުނު ކޮރެއާގެ ކޯޓުން ނެރުނު މި އަމުރާ އެކު ޔޫން ދިރިއުޅުއްވާ ގޭދޮށަށް އެތައް ހާސް ސަޕޯޓަރުންނެއް އެއްވެ ދަނީ ޝުއޫރު ވާޅުކުރަމުންނެވެ.

ތަހުގީގީ އިދާރާތަކުން ޔޫން ހައްޔަކުރަން އަމުރަކަށް އެދުނީ ޑިސެމްބަރު ތިނެއްގައި އިއުލާންކުރެއްވި އަސްކަރީ ގާނޫންގެ ސަބަބުންނެވެ.

ޔޫން އަސްކަރީ ގާނޫން އިއުލާންކުރެއްވީ ގާނޫންާ ޚިލާފަށް އަދި އެފަދަ ހާޖަތެއް ގައުމުގައި ނެތް ދަނޑިވަޅެއްގަ އެވެ.

އިދިކޮޅުން ބުނާ ގޮތުން އަސްކަރީ ގާނޫން އިއުލާންކުރައްވައި އަދި އޭގެ ނިވަލުގައި ޔޫން މަސައްކަތްކުރެއްވީ ސިޔާސީ ލީޑަރުން ހިފައި ހައްޔަރުކުރުމަށެވެ. އަދި އޭނާގެ ވެރިކަމާ ދެކޮޅަށް އަޑުއުފުޅާ މީހުންގެ އަޑުކަނޑުވާލުމަކީ ވެސް އޮތް ރޭވުމެކެވެ.

އަސްކަރީ ގާނޫން އިއުލާންކުރުމަކީ ގައުމަށް ޚިޔާނާތްތެރިވުން ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެ އެވެ. ޔޫންގެ މި އަމަލާ މެދު އޭނާގެ އަމިއްލަ ޕާޓީންވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އޭނާގެ އަތުން ބާރުތައް އަތުލުމަށް ވެސް ޕާޓީގެ ޒައާމަތުން ގޮވާލި އެވެ.

ޔޫންގެ ގާނޫނީ ޓީމުން ބުނާ ގޮތުން މިފަދަ އަމުރެއް އޭނާއާ ދެކޮޅަށް ނުނެރެވޭނެ އެވެ. އަދި މިއީ ވަކި ބަޔަކު އަޑީގައި ތިބެގެން ވެރިކަންކުރާ ޕާޓީގެ ހައިސިއްޔަތު ގިރުވާލުމަށް ކޮށްގެން އުޅޭ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޔޫންގެ މައްޗަށް އުފުލާފައި ހުރި މައްސަލަތަކުގެ ތެރޭގައި މަގާމުން ނާޖާއިޒު ފައިދާ ނެންގެވުމާއި އަސްކަރީ ގާނޫން އިއުލާންކުރައްވައި، މަޖިލީސްގެ މެމްބަރުންގެ ގަޔަށް ބަޑިޖަހަން ފުލުހުންނަށް ހުއްދަދެއްވުން ހިމެނެ އެވެ.

ގައުމުގައި ބަޣާވާތްކުރައްވަން އުޅުއްވުމާއި، ޚިޔާނާތުގެ މައްސަލަތަކެއް ހިންދާލެއްވުމަށް މަސައްކަތްކުރެއްވުމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް އެބަ އޮތެވެ.

ދެކުނު ކޮރެއާގެ ހަޔާތުގައި ވެސް މަގާމުގައި ހުންނަވަނިކޮށް އިތުބާރު ނެތް ކަމަށް ތިން ރައީސެއްޖެ މައްޗަށް ވޯޓު ނެގި އެވެ. އެއީ ޔޫން ސުކް ޔޯލްގެ އިތުރުން ކޮރަޕްޝަންގެ ތުހުމަތުގައި މަގާމުން ދުރުކުރި ޕާކް ގުންހޭ އަދި ނުވަވަނަ ރައީސް، ރޮ މޫ ޔަންގް އެވެ.

ދެކުނު ކޮރެއާގައި ރައިސަކު ހައްޔަރުކުރަން މީގެ ކުރިން ދުވަހަކު ވެސް ކޯޓު އަމުރެއް ނެރެފައެއް ނުވެ އެވެ. މިހެން ކަމުން ކޯޓުގެ އަމުރާ އެކު ސުކް އެ ވަނީ މި ލޭބަލްގައި ތާރީޚް ތެރެއަށް ވަދެވަޑައިގެންފަ އެވެ.