ހަބަރު

އެޕްރެންޓިސް ޕްރޮގްރާމްތައް އިތުރު ކުރަންޖެހޭ: މިނިސްޓަރު

ސްކޫލް ނިންމާފައި ނުކުންނަ ޒުވާނުންނަށް އަމާޒުކޮށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ހިންގާ މިންވަރު އިތުރުކުރަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ސްކޫލް ނިންމާފައި ނުކުންނަށް ޒުވާނުންނަށް ތައުލީމާއި ތަމްރީނުގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ވަން އެން އޮންލީ ރީތިރަށް އައިލެންޑް ރިސޯޓުން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ގްރެޖުއޭޓްވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ މިފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓްތައް ހޯދަން ފަސޭހަވެގެން ދަނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވޮކޭޝަނަލް އެޑިއުކޭޝަނަކީ ބައިނަލްއަގްވާމީ ގޮތުން ބަލައިގަނެފައިވާ ނިޒާމެއް ކަމަށާއި ޓިވެޓްއަކީ އދ. ގެ ގްލޯބަލް ސަސްޓެއިނެބަލް ޑިވެލޮޕްމަންޓް ގޯލް ތަކުގެ ތެރޭގައިވެސް ހިމެނޭ ނިޒާމެއް ކަމަށެވެ.

"މި ސަރުކާރުން ދަނީ މިފަދަ ގިނަ ވޮކޭޝަނަލް ޕްރޮގްރާމްތައް ހިންގަމުން. އެގޮތުން 2015 ވަނަ އަހަރު އެކަނިވެސް 1،115 ޒުވާނުން އެކިއެކި ވޮކޭޝަނަލް ޕްރޮގްރާމްތަކުން ގްރެޖުއޭޓް ވެފައިވޭ. އަދި މިއަހަރު 2،879 ދަރިވަރުން ދަނީ މި ޕްރޮގްރާމްތަކުގައި ކިޔަވަމުން" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އެހެން ރިސޯޓުތަކަށާއި އެހެނިހެން ކުންފުނިތަކަށް މިފަދަ ޕްރޮގްރާމްތައް ހިންގުމަށް ގޮވާލައްވާފަ އެވެ.

ރީތި ރަށް ރިސޯޓުން މީގެ ހަތަރު އަހަރު ކުރިން ފެށިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންގެ ތެރެއިން 90 ޕަސަންޓު ކުދިންނަށް ކޮންމެ އަހަރަކުވެސް އެ ރިސޯޓުން ދާއިމީ ވަޒީފާގެ ފުރުސަތުތައް ހޯދައިދެ އެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ކްލާސް ރޫމްގެ ތެރެއިން ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށް ދިނުމުގެ ގޮތުން އަމަލީ ގޮތުންވެސް ދަރިވަރުން ހަރަކާތްތެރިވާން ޖެހެ އެވެ.