ހަބަރު

ގާނޫނުގެ ބޭރުން އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅަން: ރައީސް

މި ސަރުކާރުގައި މިހާތަނަށް އެއްވެސް މީހަކަށް ގާނޫނާއި ޝަރީއަތުގެ ބޭރުގައި ފިޔަވަޅު އަޅާފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މ. ނާލާފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލުމަށްފަހު ރަސްމީކޮށް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގައި މިހާތަނަށް އެއްވެސް މީހަކަށް ގާނޫނާއި ޝަރީއަތުގެ ބޭރުގައި ފިޔަވަޅު އަޅާފައި ނުވާނެ ކަމަކީ ކަށަވަރުކޮށް ބުނަން އެނގޭ ކަމެއް ކަމަށެވެ. ނަމަވެސް އެހެން ސަރުކާރުތަކާއި ބެހޭގޮތުން އެހެން ބުނުމުގެ ފުރުސަތު ނެތް ކަމަށެވެ.

"އެހެން ސަރުކާރުތަކާއި ބެހޭގޮތުން އެހެން ބުނެވެން އެބައޮތްތޯ؟ އަދި ހާއްސަކޮށް އަޅުގަނޑުމެންނާއި އެންމެ ފަހުން ވަކިވެގެންދިޔަ އަޅުގަނޑުމެންގެ އިދިކޮޅު ފިކުރުގެ ސަރުކާރާއި ދޭތެރޭގައި މިހެން ބުނެވޭކަށް ނެތް. އަޅުގަނޑުމެންނަށް އޮންނަ ސުންނަތެއްގައި އޮންނަނީ ވެފައިހުރި ކަންތައްތަކުން ފިލާވަޅު ނަގާށޭ،" ރައީސް ވިދާޅުވި އެވެ.

އަޖުމަ ބެލިފައި ހުރި ކަންކަން އިތުރަށް އަޖުމަ ބަލަން ނުޖެހޭ ކަމަށާއި އެއީ ފިކުރަކަށް، ވިސްނުމަކަށް ނުވަތަ ދާ މިސްރާބަކަށް ބަދަލެއް ނާންނާނެތީ ކަމަށެވެ.