ދުނިޔެ

ލަވައެއް ކުޅެނިކޮށް ވަޒަން އަރައިގެން އެކްޓަރު މަރުވެއްޖެ

Jan 24, 2017
1

އޮސްޓްރޭލިއާގެ މިއުޒިކް ބޭންޑެއް ކަމަށްވާ ބްލިސް އެން އެސޯ އިން މިއުޒިކް ވީޑިއޯއެއް ނެގުމަށް ކުރި މަސައްކަތެއްގައި ވަޒަންތަކެއް އަރައިގެން އެ ވީޑިއޯގައި ހަރަކާތްތެރިވި އެކްޓަރު މަރުވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ކްއީންސްލޭންޑް ފުލުހުންނާ ހަވާލާދީ އޭބީސީ ނިއުސް ބުނީ އެ ހާދިސާގައި މަރުވީ ޖޯހަން އޮފްނާ ނަމަކަށް ކިޔާ އުމުރުން 28 އަހަރުގެ މީހެއް ކަމަށެވެ.

ކްއީންސްލޭންޑް ފުލުހުންގެ ޑިޓެކްޓިވް އިންސްޕެކްޓަރު ޓޮމް އާމިޓް ބުނެފައި ވަނީ އެ ހާދިސާ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި ފިލްމު ކްރޫއާއި ޕްރޮޑިއުސަރުން ވެސް ތަހުގީގަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. އެ ވީޑިއޯ ނެގުމުގައި ތަފާތު ގިނަ ހަތިޔާރުތައް ގެންގުޅެފައިވާ ކަމަށް އޭނާ ބުނެފައެއް ނުވެއެވެ.

ހާދިސާ ހިނގި ގޮތުގެ ތަފުސީލެއް ކްއީންސްލޭންޑް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެހާދިސާގައި އިތުރު މީހަކަށް އަނިޔާއެއް ނުވެއެވެ.

އެކްޓަރު މަރުވި ހާދިސާއާ ގުޅިގެން ބްލިސް އެން އެސްމޯ ބޭންޑުން ވަނީ ހިތާމަފާޅުކޮށް ބަޔާނެއް ނެރެފައެވެ.