ހަބަރު

ސައިކަލުގައި ބަނދެގެން ދަރިފުޅު ސްކޫލަށް ގެންގޮސްފި

Mar 19, 2015

އިންޑިއާގައި މީހަކު އޭނާގެ ދަރިފުޅު ސައިކަލު ފަހަތުގައި ބަނދެފައި ބާއްވައިގެން ސްކޫލަށް ގެންދިޔަ މައްސަލައެއްގައި ބަލަން ފަށައިފި އެވެ.

ދަރިފުޅު ބަނދެެ ސައިކަލު ފަހަތު ސީޓުގައި ބަނދެެފައި ބާއްވައިގެން ގެންދިޔަ މައްސަލާގައި ކުއްޖާގެ ބައްޕަ ވަނީ ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ. އުމުރުން 40 އަހަރުގެ މީހާ ހައްޔަރުކޮށް މައްސަލަ ބަލަން ފެށީ އޭނާ ސައިކަލުގައި ދަރިފުޅު ގެންދަނިކޮށް، މަގުމަތިން ދިޔަ މީހަކު ފޮޓޯ ނަގައި ނޫހަކަށް ދިނުމުން އެ ފޮޓޯ ޝާއިއު ކުރުމާ އެކުގަ އެވެ.

ކުއްޖާ ބައްޕަ ބުނެފައި ވަނީ އޭނާ އެކަން ކުރީ އަނިޔާވެރި ވުމުގެ ގޮތުން ނޫން ކަމަށާއި އެއީ ދަރިފުޅު ސްކޫލްގެ އިމްތިހާނަކަށް ކޮންމެހެން ވެސް ގެންދަން ޖެހޭތީ ހެދި ގޮތެއް ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހާގެ ފަސް ދަރިން ތިބޭ ކަމަށާއި ސްކޫލެއްގެ ސެކިއުރިޓީ ގާޑަކަށް އުޅޭ އެ މީހާ އަކީ ދަރިން ސްކޫލަށް ފޮނުވަން ވަރަށް ގަދަައަޅައި މީހެއް ކަމަށެވެ. ދަރިފުޅު ސައިކަލުގައި ބަނދެފައި ވަނީ ސްކޫލް އިމްތިހާނަށް ދާން ދަރިފުޅު އެއްބަސް ނުވުމުން މެޓާ ފަދަ ތަކެތި ދީގެން ވެސް ރުއްސޭ ގޮތް ނުވެ އެކަމާ އައި ރުޅިއާ އެކުގައި ކަމަށް ފުލުހުން ބުންޏެވެ.

މި މީހާ ޓައިމްސް އޮފް އިންޑިއާ އަށް ބުނެފައި ވަނީ ދަރިފުޅު ބަނދެގެން ސްކޫލަށް ގެންދިޔަ ކަމުގައި ވިޔަސް ދަރިފުޅު މަރު ނުވާނެ ކަމަށާއި އެކަމަކު ނުކިޔަވާ ނަމަ މަރުވާނެ ކަމަށެވެ. –ބީބީސީ