ދުނިޔެ

އިއްފަތް ފޭރުނު އިރު ދަރިފުޅު ހިމޭންކުރީ ކަރު ބުރިކޮށްގެން!

މިޔަންމާގެ ރާޚިން ސްޓޭޓްގެ އަވަށެއްގައިވާ ގެއަކަށް އެގައުމުގެ ސިފައިންގެ ބަޔަކު ވަދެގަތެވެ. އެގޭގައިވާ މާބަނޑު އަންހެނަކު ނެރެ، އޭނާގެ ބަނޑު ފަޅައިލީ ދަނޑިން ތަޅައިގެންނެވެ.

"އެމީހުން ތުއްތު ދަރިފުޅު މަރައިލީ ބަރު ބޫޓްތަކުން އަރައި ޗިސްކޮށްލައިގެން،" ރޯހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާ ސަރުކާރުން ހިންގާ ޖަރީމާތައް ތަހުގީގު ކުރި ޔޫއެންގެ އޮފިޝަލުންނާ ވާހަކަ ދެއްކި އުމުރުން 19 އަހަރުގެ އަންހެނަކު ކިޔައިދީފައި ވެއެވެ. އޭނާ އެފަދަ ބިރުވެރި އެހެން ހާދިސާއެއް ވެސް ކިޔައިދީފައި ވެއެވެ.

ސިފައިންގެ ފަސް މީހުން ވެގެން އަންހެނަކު ރޭޕް ކުރަމުން ދިޔައެވެ. އެމީހުން އެ ކަން ފެށީ އެ އަންހެންމީހާގެ ފިރިމީހާއަށް ވަޅިއަކުން ގަތުލު ކުރުމަށް ފަހުގައެވެ. އެވަގުތު އަންހެން މީހާގެ އުމުރުން އެންމެ އަށް މަހުގެ ދަރިފުޅު ރޯންފެށިއެވެ. އެކުއްޖާ ފުޅުގެ އަޑު ކަނޑުވައިލުމަށް މިޔަންމާ ސިފައިން އެކުއްޖާފުޅުގެ ކަރުބުރިކޮށްލިއެވެ. މަންމަ ސަލާމަތް ކުރެވޭތޯ ފަސް އަހަރުގެ އަންހެން ދަރިފުޅު މަސައްކަތް ކުރިއެވެ. ސިފައިން އެކުއްޖާގެ ކަރުވެސް ބުރިކޮށްލިއެވެ.

މި ދެވާހަކައާއި އިތުރު އެތައް ހާދިސާތަކެއްގެ ތަފުސީލު ހިމެނޭ ރިޕޯޓެއް ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން މިހާރު ވަނީ އާއްމުކޮށްފައެވެ. އެ ރިޕޯޓް އެކުލަވާލާފައި ވަނީ މިޔަންމާއިން ސަލާމަތްވެގެން ބަންގްލަދޭޝަށް ގޮސް ތިބި މީހުންގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުންގެ ހެކިބަހުގެ މައްޗަށް ބިނާކޮށްގެންނެވެ.

ރިޕޯޓްގައި ބުނެފައި ވަނީ މިލިޔަނަކަށް ވުރެ ގިނަ ރޯހިންޔާ މުސްލިމުންނަށް ، ރާވައިގެން ވަކި ނިޒާމެއްގެ ތެރެއިން އަނިޔާވެރިވަމުން އަންނަތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ.

ނޯބުލް ސުލްހައިގެ އިނާމު ހޯއްދަވައިގެން ހުންނެވި މިޔަންމާގެ " ޑިމޮކްރަސީގެ ބާނީ" އަން ސަން ސޫޗީގެ ފަރާތުން އެގައުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބައިނަލް އަގުވާމީ މުޖުތަމައުން ކުރި އުއްމީދު، ރިޕޯޓާ ގުޅިގެން ވަނީ ގެއްލިފައެވެ. ސޫޗީގެ ސަރުކާރުން އަބަދުވެސް ދަނީ ތުހުމަތުތައް ދޮގުކުރަމުންނެވެ. އަބަދުވެސް ބުނަމުން ދަނީ މިޔަންމާ ސިފައިން ހަރަކާތްތެރިވަމުން ދަނީ ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށެވެ.
ރާޚިން ސްޓޭޓްގައި އަނިޔާވެރި އަމަލުތައް ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ޔޫއެންގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ޒައިދު ބިން ރާދު އަލް ޙުސައިން ވަނީ ގޮވައިލައްފައެވެ. " ރާޚިން ހޮރަރް" ގެ ގޮތުގައި އޭނާ ސިފަކުރައްވާ އެ ޖަރީމާތައް ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަވަން އޭނާ ބޭނުންވެވަޑައިގަންނަވަނީ ޔޫއެއިން އިން ތަހުގީގުކޮށް ބައިނަލް އަގުވާމީ ކްރިމިނަލް ކޯޓަށް ހުށަހަޅައިގެން ކަމަށް ވެދާނެއެވެ.

"މައެއްގެ ގާތުން ބުއް ބުއިމަށް ރޯ ތުއްތު ކުއްޖެއްގެ ގަޔަށް ވަޅި ހަރާނީ ކޮން ފަދަ ރުޅިވެރި ކަމަކުންތޯ" އޭނާ ސުވާލުކުރެއްވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ޖެނީވާގައި އާއްމުކުރި ޔޫއެންގެ ރިޕޯޓާއި ގުޅިގެން ޒައިދު ވަނީ ސޫޗީއާ ފޯނުން ވާހަކަ ދައްކަވާފައެވެ. ދެބޭފުޅުން ވެސް އެއްބަސްވެވަޑައިގެންނެވީ ރާޚިން ސްޓޭޓްގައި ހިނގާފައިވާ އަދި ހިނގަމުން އަންނަ ކަންތައްތައް ތަހުގީގު ކުރުމަށެވެ.

ސޫޗީއަށް ލިބިވަޑައިގެންފައިވާ ނުފޫޒުގެ ބޭނުން ކުރައްވައިގެން މިޔަންމާ ސިފައިންގެ އަމަލުތައް ހުއްޓުވުމަށް ޒައިދު އެދިވަޑައިގެންނެވިއެވެ.
ސޫޗީއާއި ޒައިދު ބޭނުން ވެވަޑައިގަންނަވަނީ ޔޫއެންގެ ކަންނެތް ނިޒާމުގެ ތެރެއިން ރޯހިންޔާ މުސްލިމުންނަށް އިންސާފު ހޯއްދަވައިދެއްވާށެވެ. ނަމަވެސް ސަލާމަތީ ކަންތައްތައް ދިރާސާ ކުރާ މުހައްލިލުން ދެކެނީ ރޯހިންޔާ މުސްލިމުންނަށް ކުރާ އަނިޔާގެ ސަބަބުން ސަރަހައްދުގައި ހަނގުރާމައެއް ފެށިދާނެ ކަމަށެވެ. އެމީހުން ދެކޭ ގޮތުގައި ހަރުކަށި އިސްލާމީ ހަނގުރާމަވެރިން ދެކުނު އިރުމަތީ އޭޝިޔާފައި ހަނގުރާމައެއް ފެށުމުގެ ސަބަބަކަށް ވާނީ ރޯހިންޔާ މުސްލިމުންނަށް ކުރަމުންދާ އަނިޔާއެވެ. -- ސިޑްނީ މޯނިން ހެރަލްޑް