އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން ޑޮނަލްޑް ޖޭ ޓްރަމްޕް އިއުލާން ކުރެއްވުމާއެކު އެމެރިކާގެ ސިޔާސީ މަޝްރަހުގައި ތޫފާނެއް އުފެދުނެވެ. ބަހުރުވައިގެ ހުތުރުކަމާއި ރުންކުރު ކަމާއި ނަސްލީ އިމްތިޔާޒަކީ ޓްރަމްޕް ސިފަ ކުރުމަށް މީޑިއާގައި އޭރުވެސް ބޭނުންކުރި ކަންތައްތަކެވެ. އެގޮތުން އޭނާއަށް އެމެރިކާއާއި ބައިނަލް އަގުވާމީ މުޖުތަމައުގައި ވެސް ބޮޑު ނުރުހުމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. އެހުރިހާ ކަމަކާއި އެކު އިންތިހާބު ކާމިޔާބު ކުރައްވައި ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވުނުން ވީ ބޮޑު " މުސީބާތެއް" ގެ ފެށުން ފަދަ ކަމަކަށެވެ.
ރިޔާސީ އިންތިހާބުގެ ވައުދުތަކުގެ ގޮތުގައި ޓްރަމްޕް ގެންގުޅުއްވީ އެމެރިކާއާއި އެހެން ގައުމުތަކާއި އެމެރިކާއާއި ދެމެދު އޮތް ގުޅުމަށް ބުރޫ އަރާ ފަދަ ކަންތައްތަކެކެވެ. މެކްސިކޯއާއި އެމެރިކާއާއި ގުޅޭ ސަރަހައްދީ ރޮނގުގައި ފާރެއް ލުމާއި މުސްލިމުން އެމެރިކާއަށް ދަތުރުކުރުން މަނާކުރުމެވެ. އެކުވެރި ގައުމުތަކުގެ ސަލާމަތަށް އެމެރިކާއިން ކުރަމުން އައި ހޭދަތައް ކުޑަކުރުމެވެ. ބައިނަލް އަގުވާމީ ވިޔަފާރީގެ މުއާހަދާތަކުން ވަކިވުމެވެ.
ޓްރަމްޕްގެ ކެމްޕޭނުގައި ދެއްކެވި އެވާހަކަތައް ރައީސެއްގެ ހައިސިއްޔަތުން ސިޔާސަތުތަކެއްގެ ގޮތުގައި ނުގެންގުޅުއްވާނެ ކަމަށް ދިރާސާ ކުެި ފަރާތްތަކުން ކުރިން ދެކުނެވެ. ނަމަވެސް ޓްރަމްޕް ރައީސް ކަމުގެ ހުވައި ކުރެއްވުމަށް ފަހު ދެއްވި ތަގުރީރުން އެނގުނީ ބަހާއި އަމަލާ ދިމާ ކުރައްވަން ޓްރަމްޕް ހުންނެވި ކަމެވެ.
ޓްރަމްގެ ވެރިކަމުގެ ފުރަތަމަ ދެ ހަފްތާވީ ވަރަށް ހަލަބޮލި ދެ ހަފުތާއަށެވެ. ހަރުކަށި ސިޔާސަތުތައް ތަންފީޒު ކުރެއްވުމުގެ އަމަލީ މަސައްކަތްތައް ފެއްޓެވުމުންނެވެ. ނަމަވެސް އެ ދެހަފުތާއިން ވަނީ ވަރަށް މުހިއްމު ފިލާވަޅެއް ދުނިޔެއަށް ލިބިފަ އެވެ. އެ ފިލާވަޅަކީ މީހުންގެ ދެކޮޅު ހެދުންތަކުން ޓްރަމްޕްގެ ސިޔާސަތު ތަކަށް އަސަރުކުރާ ކަމެވެ.
އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ވޮކްސް އިން ވަނީ މީހުންގެ ދެކޮޅު ހެދުންތަކުގެ ކުރިމަތީގައި ޓްރަމްޕް ސަރުކާރުން ބޯ ލަނބައިލި ބައެއް މުހިއްމު ކަންތައްތައް ފާހަގަކޮށްފައެވެ. އެ ކަންތައްތަކަކީ:
- ކޮންގްރެޝަނަލް އެތިކްސް އޮފީސް އުވައިލުމުގެ ޕްލޭން ރިޕަބްލިކަން ޕާޓީގެ ޕާލަމެންޓް މެމްބަރުން ދޫކޮށްލުން
- އެފޯޑަބްލް ހެލްތު ކެއާ ގާނޫނަށް އެންރޯލް ވުމުގެ އިޝްތިހާރުކުރުން ހުއްޓައިލުމުގެ ރޭވުން ޓްރަމްޕް ސަރުކާރުން ދޫކޮށްލުން
- ގްރީން ކާޑު ލިބިފައިވާ 500000 މީހުން ޓްރަމްޕްގެ އިމިގްރޭޝަނާ ބެހޭ ގަރާރު ( މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާއަށް ދަތުރުކުރުން މަނާކުރުމުގެ ގަރާރު)ން އިސްތިސްނާ ކުރުން
- އެމެރިކާ ސިފައިންނާއި އެކު ހަނގުރާމަކުރާ އިރާގު މީހުންގެ އާއިލާތައް އެ ގަރާރުން އިސްތިސްނާ ކުރުމުގެ ހުއްދަ ޑިފެންސް ޑިޕާޓްމަންޓުން ހޯދުން
- ދެ ގައުމުގެ ރައްޔިތުކަން އޮންނަ މީހުން ވެސް ގަރާރުން އިސްތިސްނާ ކުރުން
ޓްރަމްޕް ސަރުކާރުގެ ސިޔާސަތު ތަކަށް އެ ބަދަލުތައް ގެނައީ އެމެރިކާގެ އެކްޓިވިސްޓުން ކުރި މުޒާހަރާތަކާއި އެކި އެކި ޖަމާއަތްތަކާއި މުއައްސަސާ ތަކުން ކުރި މުޒާހަރާތަކާއި އެކި އެކި ސިޔާސަތު ތައް ތަންފީޒު ކުރުމަށް ކޯޓަށް ގޮސްގެން ކުރި މަސައްކަތްތަކުންނެވެ. ނަމަވެސް އެކަންތައްތަކަށް ބަދަލު ގެނައީ އެހެންވެ ކަމަށް ޓްރަމްޕާއި އޭނާގެ އަރިސްބޭފުޅުން އެއްބަސްވެވަޑައެއް ނުގަންނަވައެވެ. ވިދާޅުވަމުން ގެންދަވަނީ އެއީ ކުރިން ވެސް އެކަންތައްތައް އޮތް ގޮތް ކަމަށާއި މީހުންނަށް އެކަން އޮޅުން ނުފިލައި އޮތީ ކަމަށެވެ.
ޓްރަމްޕް ސަރުކާރުގެ އެ ވާހަކަ ތަކަކީ އިދިކޮޅަށް ކުރާ މަސައްކަތުން ނަތީޖާއެއް ނުނިކުންނަ ކަން އިދިކޮޅު މީހުންނަށް ވިސްނައި ދިނުމަށް ދައްކާ ވާހަކަތަކެކެވެ. ނަމަވެސް އެ ފަރާތްތަކުން ލިބިގަންނަންވީ ފިލާވަޅަކީ އިދިކޮޅު މަސައްކަތް ތަކުން ނަތީޖާ ނުކުންނާނެ ކަން ކަމަށް ވޮކްސް ނިއުސް އިން ފާހަގަކޮށްފައި ވެއެވެ.