ދުނިޔެ

އަފްޣާނިސްތާންގެ ސުޕްރީމް ކޯޓުގައި ބޮމެއް ގޮއްވާލައި 20 މީހުން މަރާލައިފި

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އެގައުމުގެ ސުޕްރީމްކޯޓްގައި ބޮމެއް ގޮއްވާލައި 20 މީހުން މަރާލައި 41 މީހުން ޒަހަމްކޮށްލައިފި އެވެ.

އަފްޣާން އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުނީ އެގައުމުގެ ސުޕްރީމް ކޯޓްގެ އިމާރާތުގެ އަރިމަތީގައި އެކޯޓުގެ މުވައްޒަފުން ވަދެ ނުކުމެ ވުމަށް ހުންނަ ދޮރުގެ ކައިރީގައި އިއްޔެ ދިން އެހަމަލާއަކީ މީހަކު ގައިގައި ބޮން ހަރުކޮށްގެން ވަދެ ،ދިން ހަމަލާއެއް ކަމަށެވެ. އަދި ބުނީ ހަމަލާ ދިނީ ކޯޓުގެ މުވައްޒަފުންތަކެއް އެތަނުން ނުކުންނަން ދިޔަ ވަގުތެއްގައި ކަމަށެވެ.

އަފްޣާނިސްތާނުގެ ސުޕްރީމް ކޯޓަށް ދިން ހަމަލާގެ ޒިންމާ އެގައުމުގެ ހަނގުރާމަވެރި އެއްވެސް ޖަމާއަތަކުން އަދި އުފުލާފައެއް ނުވެ އެވެ. ނަމަވެސް އެގައުމުގެ ޝަރުއީ ނިޒާމުގެ އިމާރާތްތަކަށް ކުރިން ހަމަލާތައް ދީފައި ވަނީ ތާލިބާން ޖަމާއަތުންނެވެ. އިއްޔެގެ ހާދިސާ ހިނގި ސަރަހައްދަށް 2013 ވަނަ އަހަރު ވެސް މީހަކު ގައިގައި ބޮން ހަރުކޮށްގެން ހަމަލާއެއް ދިނެވެ. އެހަމަލާގައި 17 މީހުން މަރުވި އެވެ.

"... ގޯތި ތެރޭގެ މިބައި ބޮޑަށް ގާޑްކޮށްފައި ވަނީ އެހެންވެ، އަދި މިކޯޓްގެ މުވައްޒަފުންނަށް އިނގޭ އެމީހުންނަކީ ތާލިބާނުންގެ އަމާޒެއް ކަން،" ކާބުލްގައި ހުންނަ އަލްޖަޒީރާގެ މުރާސިލް ގައިސް އާޒިމީ ބުނި ކަމަށް އެ އެޖެންސީގެ ހަބަރުގައި ވެއެވެ.

ކާބުލްގައި ދިން ހަމަލާ އައިސްފައި ވަނީ އަފްޣާނިސްތާނުގެ ފަރާހް ޕްރޮވިންސްގެ ހުޅަނގު ޑިސްޓްރެކްޓެއްގައި ދިން ހަމަލާއެއްގައި ސަރުކާރުގެ އޮފިޝަލުންތަކެއް މަރާލިތާ މަދު ގަޑިއިރުތަކެއްގެ ފަހުންނެވެ. އެހަމަލާގެ ޒިންމާ ތާލިބާނުން ވަނީ އުފުލާފަ އެވެ.