ގިނަ ދައުވާ ތަކެއް އެބޭފުޅަކާ ދެކޮޅަށް އުފުލިފައިވާ ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީގެ މައްޗަށް އިތުރު ދައުވާއެއް ކުރަން އެގައުމުގެ މެޖިސްޓްރޭޓަކު ނިންމައިފި އެވެ.
ސާކޯޒީއާ ދެކޮޅަށް ދައުވާ ކުރަން ނިންމީ، 2012 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމަށް ކުރެވިފައިވާ ތުހުމަތެއް ތަހުގީގު ކުރައްވަމުން ގެންދަވާ ދެ މެޖިސްޓްރޭޓުންގެ ތެރެއިން އެއް ބޭފުޅެކެވެ.
ސާކޯޒީއަށް ކޮށްފައިވާ ތުހުމަތުގައި ބުނެފައި ވަނީ ކެމްޕޭނަށް ހަރަދުކުރުމަށް ގާނޫނީ ގޮތުން އޮންނަ މިންގަނޑު ކަމަށްވާ، 24 މިލިޔަން ޑޮލަރަށް ވުރެ ގާތް ގަނޑަކަށް ދެގުނަ އިތުރަށް އޭނާ ހަރަދުކުރައްވާފައިވާ ކަމަށެވެ. އަދި އޭނާ އެފައިސާ ހޯއްދެވީ ޕަބްލިކް ރިލޭޝަންސް ފާމެއް ކަމަށްވާ ބީގްމޭލިއަން މެދުވެރިކޮށް ފޭކް ބިލް ތަކެއް ހަދައިގެން ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
" ބީގްމޭލިއަން އެފެއާ" ގެ ގޮތުގައި ފްރާންސްގައި މަޝްހޫރުވެފައިވާ ހިޔާނާތުގެ އެ މައްސަލައިގައި ސާކޯޒީގެ އިތުރުން 13 މީހަކާ ދެކޮޅަށް ދައުވާ ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.މައްސަލައިގައި ދައުވާ ކުރަން ނިންމި ނިންމުން އިސްތިއުނާފު ކުރައްވާނެ ކަން ސާކޯޒީގެ ވަކީލު ވަނީ އިއުލާން ކުރައްވާފަ އެވެ.
ދައުވާ ސާބިތުވެއްޖެ ނަމަ އުމުރުން 62 އަހަރުގެ ސާކޯޒީއަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ފްރާންސްގައި މިހާރު އޮތް އެގައުމުގެ ފަސް ވަނަ ޖުމްހޫރިއްޔާ އުފެއްދި ފަހުން ސާކޯޒީގެ ކުރިން ދައުވާ އަކާ ކުރިމަތިވެވަޑައިގެންނެވި ހަމަ އެކަނި ބޭފުޅަކީ އޭނާގެ ކުރިން ހުންނެވި ރައީސް ޖެކް ޝިރާކެވެ. އޮޅުވާލައިގެން ވަޒީފާ ދިނުމުގެ ކަންތައްގަނޑެއް ހިންގެވިކަމުގެ ކުށް ސާބިތުވެގެން ޝިރާކްގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. ނަމަވެސް އެހުކުމް އޭނާގެ މައްޗަކަށް ތަންފީޒެއް ނުކުރެ އެވެ. - އަލްޖަޒީރާ