ހަބަރު

ނާޒިމް ކޮޓަރިއަށް ގޮނޑިއެއް ވައްދާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ހުށަހަޅައިފި

Mar 19, 2015

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރި ފާސްކުރަން އެތަނަށް ގޮނޑިއެއް ނުވައްދާ ކަމަށް ނާޒިމް ވިދާޅުވެފައި ވަނިކޮށް، އެތަނަށް ގޮނޑިއެއް ވައްދާފައި ހުންނަ މަންޒަރު ފެންނަ ފޮޓޯއެއް ދައުލަތުން މިއަދު ޝަރީއަތަށް ހުށަހަޅައިފި އެވެ.

ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ އިއްޔެގެ އަޑުއެހުމުގައި އެތަން ފާސްކުރި ފުލުހަކު ހެކިބަސް ދެމުން ބުނެފައިވަނީ އެ ކޮޓަރީގެ ސީލިންގުގައި ހުރި ބައެއް ފާސްކުރަން ގޮނޑިއެއް ބޭނުންކޮށްފައިވާނެ ކަމަށެވެ. އެ ގޮނޑި ގެނައީ އެގޭގެ ސިޓިން ރޫމުން ކަމަށެވެ. ނަމަވެސް އެކަން ދޮގު ކުރައްވައި، އިއްޔެ ނާޒިމް ވިދާޅުވެފައިވަނީ އެ ކޮޓަރި ފާސް ކުރިއިރު އޭނާ ހުންނާނެ ކަމަށާއި އެތަން ފާސްކުރަން އެއްވެސް ގޮނޑިއެއް ސިޓިން ރޫމުން ވައްދާފައި ނުވާ ކަމަށެވެ.

ނާޒިމް އެގޮތަށް ވިދާޅުވެފައި ވަނިކޮށް ދައުލަތުން މިއަދު ޝަރީއަތަށް ހުށަހެޅި ދެ ފޮޓޯއެއްގައި ފެންނަ ގޮތުން އެ ކޮޓަރީގައި ގޮނޑިއެއް ހުއްޓެވެ. އެ ފޮޓޯތައް ނެގި ފުލުސް މީހާ މިއަދު ޝަރީއަތަށް ހާޒިރުކޮށް އެ ފޮޓޯ ދައްކައި، ސުވާލު ކުރުމުން އޭނާ ވަނީ އެ ފޮޓޯ އަކީ އޭނާ ނެގި ފޮޓޯއެއް ކަމަށް އެއްބަސްވެފަ އެވެ.

އެ ފޮޓޯއާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަން ދެ ފަރާތަށް ވެސް ފަހުން ފުރުސަތު ދޭނެ ކަމަށް ފަނޑިޔާރުން ވަނީ ވިދާޅުވެފަ އެވެ.

މިއަދު ހާޒިރުކުރި ފުލުސް މީހާއަކީ އެ ކޮޓަރީގެ ފޮޓޯ ނެގުމުގެ އިތުރުން އެތަނުގެ ސީން އޮފް ކްރައިމް ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާ އެވެ. އެ ރިޕޯޓާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ވަނީ އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ނާޒިމްގެ އެޕާޓްމެންޓުގެ ފޮޓޯތައް ދެއްކުމުން އޭނާ ބުނީ އެއީ ނާޒިމްގެ އެޕާޓްމެންޓް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ނާޒިމްގެ ފަރާތުން ވަނީ އޭނާގެ ބަލި ހާލަތު ހުރިގޮތުން ރާއްޖެއިން ބޭރަށް ދާންޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ދީފައިވާތީ އެ ހުއްދަ ދިނުމަށް އެދިފަ އެވެ. އެކަމާ ބެހޭ ލިޔުންތައް ވެސް ނާޒިމްގެ ފަރާތުން ހުށަހެޅި އެވެ. ނަމަވެސް ފަނޑިޔާރުން ވިދާޅުވީ އެފަދަ ކަންކަމަށް ހުށަހަޅަންޖެހޭ ފޯމެއް ކޯޓުގައި އޮންނާނެ ކަމަށާއި އެ ފޯމް ފުރިހަމަކޮށް ހުށަހެޅުމުން އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.