ޖިބޫތީގެ ވެރިރަށުން މިދިޔަ ހޯމަ ދުވަހު ހެނދުނު ފުރި ރޭލުން ދަތުރު ކުރީ ހޯން އޮފް އެފްރިކާ ސަރަހައްދުގައި އެންމެ މަޝްހޫރު މީސްމީހުންނެވެ. ދަތުރު ފެށުމަށް ތައްޔާރުވި އިރު ރޭލްވޭ ސްޓޭޝަން ގުގުމާފައި އޮތީ އެފްރިކާގެ ގަބީލާތަކުގެ ލަވަކިއުންތެރިންގެ ރާގުތަކުންނެވެ. އަލަށް އިމާރާތްކޮށްފައިވާ އެތަނުގެ ސިޑިތަކުން އެރީ އެފްރިކާގެ ގައުމުތަކުގެ ލީޑަރުންނާއި ޔޫރަޕްގެ ޑިޕްލޮމޭޓުންނާއި މަޝްހޫރު ޕޮޕް ސްޓާރުންނެވެ.
އެއާކޮންޑިޝަން ކޮށްފައިވާ ކެރިޖްއަށް އެމީހުން އެރީ އާ ރޭލްވޭ ހުޅުވުމުގެ ދަތުރަށެވެ.
"މިއީ ތާރީހީ ވަގުތުކޮޅެއް. އަހަރެމެންގެ ގައުމުތަކަށާއި މީހުންނަށް ލިބުނު ފަހުރެއް،" އެފްރިކާގައި އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރާ ގޮތަށް ހުޅުވި އިލެކްޓްރިކް ފުރަތަމަ ރޭލްވޭއިން ދަތުރުކުރި ފުރަތަމަ ރޭލު ޖިބޫތީ އިން ފުރުމުގެ ކުޑަ އިރުކޮޅެއް ކުރިން އިތިއޯޕިއާގެ ބޮޑު ވަޒީރު ހައިލިމަރިއަމް ޑެސަލަގެން ވިދާޅުވިއެވެ.
އާ ދަތުރު ފެށުމުގެ ރަސްމިއްޔާތުގައި ކިތަންމެ ގިނަ ލީޑަރުންނަކާއި މަޝްހޫރު މީހުންނެއް ބައިވެރި ވިޔަސް އެ ރަސްމިއްޔާތުގެ އެންމެ އަލި ގަދަ ތަރިއަކީ ޗައިނާއެވެ. އެހެނީ މުޅި އެ ނިޒާމު ބިނާކުރީ އެގައުމުންނެވެ. ރޭލު އުފެއްދީ ޗައިނާގައެވެ. އަދި 466 މޭލު ދިގު ރޭލްވޭ ބިނާކުރީ ޗައިނާއިން އެފްރިކާއަށް އައި އިންޖިނޭރުން ހަ އަހަރު ދުވަސް ވަންދެން ކުރި މަސައްކަތުންނެވެ. އެކަމަށް ހަރަދުވި ހަތަރު ބިލިޔަން ޑޮލަރު އައީ ކޮންތާކުން ތޯއެވެ؟ ގާތްގަނޑަކަށް ހުރިހާ ފައިސާއެއް ވެސް ފޯރުކޮށްދިނީ ޗައިނާގެ ބޭންކްތަކުންނެވެ.
ދުނިޔޭގައިވާ އެންމެ ފެންވަރު ރަނގަޅު ރޭލް ނެޓްވޯކް އަމިއްލަ ގައުމުގައި ގާއިމްކުރުމަށް ފަހު ޗައިނާއިން ވަނީ އެމީހުންގެ މަސައްކަތް ދުނިޔެއަށް ފޯރުކޮށްދޭން ފަށާފަ އެވެ. ޗައިނާއިން އުފައްދާފައިވާ ސަބްވޭ ކާރުތައް ވަރަށް އަވަހަށް އެމެރިކާގެ ބޮސްޓަން އާއި ޗިކާގޯއިން ފެންނަން ފަށާނެ އެވެ. އެމީހުން އަންނަނީ އިންޑޮނީޝިއާގައި ހަތަރު ބިލިޔަން ޑޮލަރުގެ ހައި ސްޕީޑް ރޭލް ލައިނެއް ބިނާކުރަމުންނެވެ. ލަންޑަނާއި ބެއިޖިންއާއި ދެމެދު މުދާ އުފުލާ ރޭލް ހިދުމަތެއް ގާއިމް ކުރުމަށް އެގައުމުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި އެގައުމުން އަންނަނީ ލާއޯސްއާއި ސިންގަޕޫރު ޗައިނާއާއި ގުޅުވައިލަދޭ 2400 މޭލުގެ ރޭލްވޭ އެއްގެ މަސައްކަތް ވެސް ފެށުމަށް ތައްޔާރުވަމުންނެވެ.
ނަމަވެސް އެހުރިހާ މަސައްކަތެއްގެ ތެރެއިން ވެސް މުޅި ހާލަތު ބަދަލުކޮށްލާ ފަދަ މަސައްކަތެއް އެގައުމުން ކުރަމުން އަންނަނީ އެފްރިކާގައެވެ. އެހެނީ ޗައިނާއިން މަސައްކަތްތައް ފެށުމުގެ ކުރިން އެ މުޅި ކޮންޓިނެންޓުގައި އާ ރެއިލްވޭއެއްގެ މަސައްކަތް ނުކުރާތާ ވަނީ ގަރުނެއް ވެފަ އެވެ.
ޖޯންސް ހޮޕްކިންސް ސްކޫލް އޮފް އެޑްވާންސްޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ ޗައިނާ އެފްރިކާ ރިސާޗް އިނިޝޭޓިވް އިން ކުރި ސާވޭއަކުން އެނގިފައިވާ ގޮތުގައި އެފްރިކާގެ ގައުމުތަކުގައި އާ ބަނދަރުތަކާއި ހައިވޭތަކާއި އެއާޕޯޓްތައް އަޅައިގެން ޗައިނާ ކުންފުނި ތަކުން އަންނަނީ އަހަރަކު 50 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ހޯދަމުންނެވެ.
އެފަދަ ގިނަ މަސައްކަތްތަކަކީ ޗައިނާއާއި އެގައުމުގެ ވިޔަފާރީގެ ބައިވެރިންނާ ދެމެދު ގުޅުން ބަދަހިކުރުމަށް ހިންގާ " ސިލްކް ރޯޑް" މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކެވެ. ސިލްކް ރޯޑް މަޝްރޫއަށް އެއް ޓްރިލިއަން ޑޮލަރު ހަރަދުކުރުމަށް ޗައިނާއިން ވަނީ ނިންމާފަ އެވެ.
އެފައިސާގެ ބޮޑު ބައެއް ހޭދަކުރާނީ އެފްރިކާ ބަދަލުކޮށްލުމަށެވެ. އެގޮތުން އެފްރިކާއަކީ އެއްގައުމުން އަނެއް ގައުމަށް ފަސޭހައިން ދަތުރުކޮށްލެވޭ ، ވިޔަފާރިއަށް ފަހި ތަނަކަށް ބަދަލުކޮށްލުމަކީ މަޝްރޫއުގެ މައިގަނޑު މަގުސަދެވެ.
މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ކެންޔާގެ ވެރިރަށް ނައިރޯބީއާއި އެގައުމުގެ ބަނދަރުމަތީ ރަށް މުމްބާސާއާ ދެމެދު ރޭލްވޭއެއް ގާއިމް ކުރުމާއި ނައިޖީރިއާގެ ރޭލްވޭ ޒަމާނީ ކުރުމާއި ލާގޯސްގައި އާބަން ޓްރާންސިޓް ސިސްޓަމެއް ގާއިމްކުރުން ހިމެނެ އެވެ.
އެފްރިކާގެ ގައުމުތަކުގައި ރޭލްވޭ ތަކާއި ސްކޫލްތަކާއި ސްޓޭޑިއަމްތައް ބިނާކުރުމަށް ޗައިނާއިން ގެންގުޅޭ ޝައުގުވެރިކަމަކީ އެމެރިކާއިން އެސަރަހައްދުގައި ގެންގުޅޭ ސިޔާސަތާ މުޅިން އިދިކޮޅު ކަމެކެވެ. އެހެނީ އެމެރިކާއިން ވަނީ އެފްރިކާގެ ވަތު އޮނިގަނޑު ބިނާކުރުމަށް ހަރަދު ކުރުމަށް ފަސްޖެހިފައެވެ. ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އިއުލާން ކުރެއްވި " ޕަވާ އެފްރިކާ" މަޝްރޫއަކީ އެ ސިޔާސަތުން އިސްތިސްނާވާ ކަމެކެވެ. ފަސް އަހަރު ދުވަހުގެ ތެރޭގައި 20 މިލިޔަން މީހުންނަށް ކަރަންޓް ފޯރުކޮށްދިނުމަށް 9.7 ބިލިޔަން ޑޮލަރު ހަރަދު ކުރާނެ ކަމަށް އޮބާމާ 2013 ވަނަ އަހަރު އިއުލާން ކުރި ނަމަވެސް އެކަން ކުރިއަކަށް ނުދެ އެވެ.
ޗައިނާއިން އެފްރިކާ ބަދަލު ކުރުމަށް އެހާ ބޮޑު ހޭދައެއް ކުރުމަކީ އެންމެން އެހާ ހިތްހަމަ ޖެހޭ ކަމެއް ނޫނެވެ. އެކަމާ ހިތްހަމަ ނުޖެހޭ ފަރާތްތަކުން ކަންބޮޑުވަނީ ޗައިނާއިން ދިން ލޯނުތައް ދެއްކޭގޮތް ނުވެއްޖެ ނަމަ ވާނެ ގޮތަކާއި މެދުގަ އެވެ.
ޖިބޫތީއަށް ޗައިނާއިން ދިން ލޯނުގެ އަގު އެގައުމުގެ ޖީޑީޕީގެ 60 ޕަސެންޓާ އެއްވަރެވެ. ނަމަވެސް އެގައުމުގެ ފިނޭންސް
މިނިސްޓަރު ވިދާޅުވެފައި ވަނީ އެކަމާ ކަންބޮޑު ނުވާ ކަމަށެވެ. އޭނާ ވިދާޅުވަނީ ގައުމުގެ އިގުތިސާދު ކުރިއަށްދާ ރޭޓް 6.7 ޕަސެންޓަށް އިތުރުވުމުން އެ ލޯނު ދެއްކުމަށް ދައްޗެއް ނުވާނެ ކަމަށެވެ.
"އަހަރެމެން މިހާރު ރިސްކް ނުނަގައި، އިންފްރާ ސްޓްރަކްޗާ ބިނާ ނުކޮށް ތިބެއްޖެ ނަމަ އަހަރެމެން ތިބޭނީ ތިބި ހިސާބުގައި، މަދު އަހަރު ތަކެއް ފަހުން އާދޭ. ޖިބޫތީއަކީ ކޮންޓިނެންޓްގެ ލޮޖިސްޓިކްސް ހަބަށް ވެފައިވާތަން ތިބާއަށް ފެންނާނެ،" ޖިބޫތީގެ ފިނޭންސް މިނިސްޓަރު އިލްޔާސް މޫސާ ދަވަލާ ވިދާޅުވެފައި ވެއެވެ. – ނިއުޔޯކް ޓައިމްސް