ދުނިޔެ

ފިލިޕީންސްގެ ފަގީރު ހިސާބުގަނޑެއް އަނދައި 15000 މީހުން މަގުމަތިވެއްޖެ

ފިލިޕީންސްގެ ވެރިރަށް މެނީލާގައި ގިނަ އަަދަދެއްގެ ފަނގީރުން ދިރިއުޅޭ ހިސާބުގަނޑެއް ނޫނީ ސްލަމް އެއްގައި އަލިފާން ރޯވެ އެކީ އަނދައި ހުލިވުމުގެ ސަބަބުން 15،000 މީހުންގެ ގެދޮރު ގެއްލިއްޖެ އެވެ.

ނިއުޔޯކް ޓައިމްސް ބުނީ މެނީލާގެ ޝެންޓީ ޓައުން ނަމަކަށް ކިޔާ ސަރަހައްދުގައި ރޯވެ އަނދަން ފެށުމުން އަލިފާން ގަނޑު ނިއްވަން އެސަރަހައްދުގެ މީހުން މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ބާލިދީ ތަކުން އަލިފާން ގަނޑަށް ފެން ޖަހައި ނިއްވަން އެމީހުން މަސައްކަތް ކުރި ކަމަށް އެނޫހުން ބުންޏެވެ.

އަންގާރަ ދުވަހު ހިނގި އެހާދިސާގައި 15000 މީހުން ގެ ގެދޮރު އަނދައި އަޅިއަށްވެ، އެމީހުން ވަނީ މަގުމަތިވެފަ އެވެ.

"ލުއީ މާއްދާތަކުން ހަދާފައިވާ ގެތައް ތެރެއިން އަލިފާންގަނޑު ފެތުރުނީ ވަރަށް ބާރަށް،" މެނީލާގެ ފަޔާ ޗީފް ވިލްބާޓޯ ޓިއު ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވެފައި ވަނީ އަލިފާން ނިވާ މީހުންނަށް އެސަރަހައްދައް ވަންނަން ދަތިވީ މަގުތަކާއި ގޯޅިތައް ހަނިވީމައި ކަމަށެވެ.

އަލިފާނުން ސަލާމަތް ވުމަށް ސަރަހައްދު ދޫކޮށް މީހުން ނުކުތުމުގެ ތެރޭގައި ފިތިގެން ގިނަ ބަޔަކަށް އަނިޔާވި ކަމަށާއި އެހެން ނަމަވެސް އެއްވެސް މީހަކު މަރު ނުވާ ކަމަށް ފިލިޕީންސް ސަރުކާރުން ބުނެފައި ވެއެވެ.
ފިލިޕީންސްގެ ފަގީރު ސަރަހައްދުތަކުގައި އަލިފާނުގެ ހާދިސާތައް ގިނައިން ހިނގައެވެ. އެގޮތުން މިދިޔަ އަހަރު ހިނގި އެފަދަ ހާދިސާއެއްގައި 1200 އާއިލާއެއްގެ ގެދޮރު ގެއްލިފައި ވެއެވެ.