ދުނިޔެ

ޔަމަންގެ 17 މިލިޔަނަށް ވުރެ ގިނަ މީހުން ބަނޑުހައި ހޫނުކަމުގައި

ޔަމަނުގައި ތިބި ކާނާގެ ރައްކާތެރިކަން ނެތް މީހުން (އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން) ގެ އަދަދު ފާއިތުވި ހަތް މަސްދުވަސްތެރޭގައި ތިން މިލިޔަނުން އިތުރުވެއްޖެއެވެ. ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ ތިން އެޖެންސީއަކުން ގުޅިގެން ކުރި ދިރާސާއަކުން އެނގިފައިވާ ގޮތުގައި މި އިތުރުވުމާއި އެކު އެގައުމުގައި ކާނާގެ ރައްކާތެރިކަން ނެތް މީހުންގެ އަދަދު މިހާރު ވަނީ 17.1 މިލިޔަނަށް އަރާފައެވެ. އެއީ އެގައުމުގެ އާބާދީގެ ގާތް ގަނޑަކަށް ތިންބައިކުޅަ ދެބައި މީހުންނެވެ.


"ހާލަތު ގޯސްވަމުންދާ ސްޕީޑާއި ކާނާގެ ރައްކާތެރިކަން ނެތް މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވަމީ ކަންބޮޑުވާ ކަމެއް،" ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން( އެފްއޭއޯ)ގެ ފަރާތުން ޔަމަނުގައި ހުންނަވާ މަންދޫބު ސޮލާޙު ޙާއްޖު ޙަސަން ވިދާޅުވެފައި ވެއެވެ.
ޔަމަނުގެ ހާލަތު ވަޒަންކުރީ ޔޫއެން ޗިލްޑްރަންސް ފަންޑު( ޔުނިސެފް) އާއި އެފްއޭއޯ އާއި ވޯލްޑް ފުޑް ޕްރޮގްރާމް 0ޑަބްލިއުޕީއެފް) ގުޅިގެންނެވެ. މިއީ މިދިޔަ އަހަރު މާޗް މަހު ޔަމަނުގެ ހަނގުރާމަ ގަދަވި ފަހުން ގޭބިސީ ތަކަށް އަމާޒުކޮށްގެން ކުރި މިފަދަ ފުރަތަމަ ސާވޭ އެވެ.

ޔަމަނުގެ ގިނަ މީހުންގެ ދިރިއުޅުން ބިނާވެފައި ވަނީ ދަނޑުވެރިކަމުގެ މައްޗަށް ކަމަށް ވާތީ ދަނޑުވެރިކަން ކުރިއެރުވުމަށް ކުރާ ހޭދަ އިތުރު ކުރުމަށް އޭނާ ވަނީ ގޮވައިލައްވާފައެވެ. ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް، ދަނޑުން ވެރިންނާއި ހޫހައްޕާ މީހުންނާއި މަސްވެރިކަން ކުރާ މީހުންނަށް އެހީތެރިވުމަށް ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ.

ޔަމަނުގައި ތިބި ކާނާގެ ރައްކާތެރިކަން ނެތް 17.1 މިލިޔަން މީހުންގެ ތެރެއިން 7.3 މިލިޔަން މީހުންނަކީ އިމަޖެންސީކޮށް ކާނާގެ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނެވެ.

ޔޫއެންއާއި އެޖަމާއަތަށް އެހީތެރިވާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ޔަމަނުގެ 12 މިލިޔަން މީހުންނަށް އެހީތެރިވުމަށް 2.1 ބިލިޔަން ޑޮލަރު ހޯދުމަށް ބައިނަލް އަގުވާމީ އެހީއަށް ގޮވައިލާފައެވެ. މިއީ ހަނގުރާމަ ހިނގަމުންދާ އެގައުމުގައި މީހުން ނަށް އެހީތެރިވުމަށް މިހައިތަނަށް ހިންގާ އެންމެ ބޮޑު ކެމްޕޭނެވެ.

"ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން މުޅި ގައުމުގައި ވެސް މަދުވަމުންދާއިރު ކާޑު ބަލި ޖެހޭ ރޭޓް ، ޔަމަނުގެ ހަތަރު އިދާރީ ސަރަހައްދުގައި ވެސް މިހާރު ވަނީ އެންމެ ނާޒު މިންވަރު ފަހަނައަޅައި ގޮސްފައި، އަހަރެމެންނަށް މިހާރު ކާޑުބަލި ޖެހިފައިވާ ކުދިން މިފެންނަނީ ޔަމަނުގައި ފަހުގެ ތާރީހެއްގައި ފެންނަ އެންމެ މަތީ މިންވަރަށް،" ޔަމަނުގައި ހުންނަވާ ޔުނިސެފްގެ މަންދޫބު މެރިޓްސެލް ރިލާނޯ ވިދާޅުވެފައި ވެއެވެ.

އޭނާ އިންޒާރުކުރައްވާ ގޮތުގައި ކާޑުބަލި ޖެހިފައިވާ ކުދިންނަށް ފަރުވާ ނުކުރެވޭ ނަމަ އެކުދިން މަރުވުމުގެ ފުރުސަތު އެހެން ކުދިންނަށް ވުރެ 11 ޕަސެންޓް މައްޗެވެ.

"އެކުދިން ސަލާމަތް ވިޔަސް ހެދިބޮޑުވުމަށް ވާނީ ހުރަސްއެޅިފައި. މުޅި ޖީލަށް ނުރައްކާވެ، ގައުމު ފަގީރު ކަމުގައި ދެމިއޮތުމުގެ ސަބަބަކަށް އެކަން ވާނެ،" އޭނާ ވިދާޅުވެފައި ވެއެވެ.

ޔަމަނުގެ ހާލަތު މިހާ ބޮޑަށް ގޯސްވީ އެގައުމުގެ މައްޗަށް ވެރިވެގަނެގެން އުޅޭ ހޫސީ ޓެރަރިސްޓުންނާ ދެކޮޅަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ ދޭން ފެށި ހަމަލާތަކުގައި އެގައުމުގެ ވަތު އޮނިގަނޑުގެ ބޮޑު ބައެއް ހަލާކުވެ ދިއުމުންނެވެ. ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 10000 އަށް ވުރެ މަތިވެފައެވެ. -- (ޔޫއެން ނިއުސް ސެންޓަރު)