މެޖޯރިޓީ މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާއަށް ދަތުރުކުރުން މަނާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ރިޔާސީ ގަރާރު އެމެރިކާގެ ދަށުކޯޓަކާއި އެޕީލް ކޯޓުން ވެސް ވަނީ ހުއްޓުވާފައެވެ. އެއާއި އެކު އެމައްސަލަ ސުޕްރީމް ކޯޓަށް ވައްދަވާނެ ކަމަށް ޓްރަމްޕް މިހާރު ވަނީ އިޝާރާތް ކުރައްވާފަ އެވެ.
ނަމަވެސް އިއްޔެ އޭނާ ވަނީ އެކަމުގައި އެހެން ގޮތަކަށް އަމަލުކުރައްވަން ވިސްނަވާކަން ހާމަކުރައްވައިފަ އެވެ.
އެމެރިކާގެ ފްލޮރިޑާ ސްޓޭޓަށް ވަޑައިގެންނެވުމަށް އެއާފޯސް މަތިންދާބޯޓްގައި އިންނަވައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކޯޓްގައި ކާމިޔާބު ހޯއްދެވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި އެހެން ނަމަވެސް އެހެން ގޮތްތައް ވެސް އެބަހުރި ކަމަށެވެ.
"އަހަރެމެންނަށް އެބަހުރި ބައިވަރު އެހެން ގޮތްތައް ވެސް. އޭގެ ތެރޭގައި ހިމެނޭ މުޅިން އާ ގަރާރެއް އެކުލަވައިލުން ވެސް،" ޓްރަމްޕް ވިދާޅުވި ކަމަށް ދަ ގާޑިއަން ނޫހުން ބުންޏެވެ.
ޓްރަމްޕް ވިދާޅުވީ އަންނަ ހޯމަ ދުވަހު ނުވަތަ އަންގާރަދުވަހު އޭނާ ކޮންމެވެސް އެއްގޮތަކަށް އަމަލުކުރައްވާނެ ކަމަށެވެ. އާ ގަރާރެއް ނެރުއްވާ ނަމަ އޭނާގައި ހިމެނޭނީ ކޮންކޮން ބަދަލުތަކެއްތޯ ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވެފައި ވަނީ "ސަލާމަތީ އާ ފިޔަވަޅުތައް" ކަމަށެވެ.
އާ ގަރާރެއްގެ ވާހަކަ ޓްރަމްޕް ދެއްކެވުމުން އޭނާގެ ކުރީގެ ގަރާރު ދިފާއުކުރައްވަން ސުޕްރީމްކޯޓަށް ވަޑައިގަންނަވައިފާނެ ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. "ކޯޓްގައި ކާމިޔާބުކުރައްވާނެ" ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް ވައިޓް ހައުސްގެ އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓަށް ވަޑައި ނުގެންނެވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. އެކަމަކު އެކަން ކަށަވަރެއް ނުވެ އެވެ– ދަ ގާޑިއަން