ހަބަރު

މޫސުމީ ބަދަލުތަކުގެ ދިރާސާއަށް ރާއްޖޭގައި ޑްރޯން ބޭނުންކުރަނީ

މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ނާޒުކު ރަށްތަކަށް ލިބެމުންދާ ގެއްލުން ވަޒަން ކުރުމަށް ޔުނައިޓެޑް ނޭޝަންސް އެންވަޔަރްމެންޓް ޕްރޮގްރާމް ( ޔޫއެންޑީޕީ) އިން ޑްރޯން ބޭނުންކުރަން ފަށައިފި އެވެ.

ތައިލެންޑްގެ ބެންކޮކްގައި ހުންނަ ޔޫއެންޑީޕީ ބެންކޮކް ރީޖަނަލް ހަބްގައި މަސައްކަތްކުރައްވާ ސީނިއާ އެޑްވައިޒާ ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސަނީ ޖެގިލޯސް އޭނާގެ ބްލޮގްގައި ވިދާޅުވެފައި ވަނީ ޑްރޯން ބޭނުން ކުރަން ފެށުމުން ރާއްޖޭގެ ރަށްތަކުގެ ހާލަތު ދެނެގަތުމަށް ހޭދަވާ ވަގުތާއި ފައިސާ ވަރަށް ބޮޑު ތަނުން މަދުކުރެވިފައިވާ ކަމަށެވެ.

"ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ 160 އަށް ވުރެ ގިނަ ރަށް. އަހަރެމެންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މެޕިން ( ޗާޓް ކުރެހުން) . 11 ރަށުގެ ޗާޓް ކުރެހުމަށް އަހަރެމެންނަށް އާއްމުކޮށް އަހަރު ދުވަސް ނަގާނެ. ތްރީ ޑައިމެންޝަނަލް ޗާޓް ކުރެހުމަށް ޑްރޯން ބޭނުންކުރުމާ މެދު އަހަރެމެން ވާހަކަ ދައްކަން ފެށީ މިހިސާބުން،" ސަނީ ވިދާޅުވެފައި ވެއެވެ.

އޭގެ މަދު މަސްތަކެއް ފަހުން މިހާރު ރާއްޖޭގެ އެއް ރަށުގެ ފުރިހަމަ ތްރީޑީ ޗާޓެއް ތައްޔާރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ. އެގޮތުން ތައްޔާރުކޮށްފައި ވަނީ 2004 ގެ ސުނާމީގައި ގެއްލުންވެފައިވާ ރަށެއް ކަމަށްވާ ލ. މާބައިދޫގެ ޗާޓެވެ. ސަނީ ވިދާޅުވެފައި ވަނީ އެ މަސައްކަތަށް ހޭދަވީ އެންމެ އެއްމަސްދުވަސް ކަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ މީހުން ހޯދާ ސަލާމަތް ކުރުމުގައި ޑްރޯން ބޭނުންކުރުމާއި ބެހޭ ގޮތުން ރާއްޖޭގެ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.