ދުނިޔެ

ބޮސްނިއާގެ ބިރުވެރި ގަތުލުއާއްމުގެ މޭސްތިރި މަރުވެއްޖެ

ބޮސްނިއާގެ ސްރެބްރެނިކާގައި 1995 ވަނަ އަހަރު، މުސްލިމް ފިރިހެނުންނާއި ފިރިހެން ކުދިން 8000 އަށް ވުރެ ގިނަ މީހުން މަރައިލި ބިރުވެރި ގަތުލު އާއްމު ހިންގުމުގައި އިސްކޮށް ހުރި ނަސާރާ ސާބު ސިފައިންގެ އިސްމީހާ މަރުވެއްޖެއެވެ.

ބޮސްނިއާ ހަނގުރާމައިގެ ދުވަސްވަރު ހިންގި ހަނގުރާމައިގެ ޖަރީމާތައް ސާބިތުވެ އުމުރަށް ޖަލަށްލާފައިވާ ކާނަލް ލުބީސާ ބިއަރާ މަރުވީ ޖަރުމަނުގެ ބާލިންގައި އުމުރުން 77 އަހަރުގައެވެ. ހަނގުރާމައިގެ ޖަރީމާތައް ސާބިތުވުމުން ލުބީސާ ބަންދުކޮށްފައި ހުރީ ބާލިންގެ ޓެގެލް ޖަލުގައެވެ.
ދަ ހޭގްގައި ހުންނަ ބައިނަލް އަގުވާމީ ޖިނާއީ ކޯޓަށް އޭނާ ހާޒިރުކުރެވުނީ ޔޫއެންގެ އެކޯޓާ 2004 ވަނަ އަހަރު އޭނާ އަމިއްލައަށް ހަވާލުވުމުންނެވެ. އެއީ އޭނާ ހައްޔަރުކުރުމަށް ކޯޓް އަމުރެއް ނެރުނުތާ ދެ އަހަރު ފަހުންނެވެ.
ބޮސްނިޔާގެ ސްރެބްރެނިކާ އަވަށުގައި ގަތުލު އާއްމު ފެށީ އެ ސަރަހައްދު ދިފާއުކުރަމުން ދިޔަ މުސްލިމް ލަޝްކަރުތަކާއި ޔޫއެންގެ ލަޝްކަރުތައް ސާބު ސިފައިންގެ އަތުން ބަލިވުމުންނެވެ. އެއާ ވިދިގެން އައި ފަސް ދުވަހުގެ ތެރޭގައި ސާބުން ހިންގި ގަތުލުއާއްމުގައި މުސްލިމް ފިރިހެނުންނާއި ފިރިހެން ކުދިން ހިމެނޭ ގޮތުން 800 މީހުން މެރި އިރު ލުބީސާ ހުރީ މީހުން މެރުމުގެ ކަންތައްތައް އިންތިޒާމް ކުރުމުގައެވެ.
އޭނާގެ މައްޗަށް ސާބިތުވި ކުށްތަކުގައި ތެރޭގައި މުސްލިމް ފިރިހެނުންނާއި ފިރިހެން ކުދިން ހިމެނޭ ގޮތުން 100 މީހެއްގެ ބޯ ބުރިކޮށްލި އިރު އެކަން ކުރިއަށްދާ ގޮތް ބަލަހައްޓަން ހުރުމުގެ ކުށް ހިމެނެއެވެ.
ސަބްރެނިކާގެ ގަތުލުއާއްމަކީ ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން ޔޫރަޕްގައި ހިންގި އެންމެ ބޮޑު ޖަރީމާއެވެ. - ނިއުޔޯކް ޓައިމްސް