ދުނިޔެ

ޗައިނާއަށް އެކެއް، ޓްރަމްޕްއަށް ބޮޅެއް

އެމެރިކާގެ ރިޔާސީ ރޭސް ކާމިޔާބު ކުރެއްވުމަށް ފަހު ޑޮނަލްޑް ޖޭ ޓްރަމްޕް އެންމެ ފުރަތަމަ ބޯޅައެއް ޖެއްސެވީ ޗައިނާއާ ދިމާލަށެވެ. ޗައިނާއާއި އެމެރިކާއާ ދެމެދު އޮންނަ ވަރުގަދަ ވިޔަފާރީގެ ގުޅުން ދެމެހެއްޓުމަށް ކުރީގެ ރައީސުން ގެންގުޅުއްވި "ވަން ޗައިނާ ޕޮލިސީ" އަކީ ކޮންމެހެން ދަމަހައްޓަން ޖެހޭ ސިޔާސަތެއް ނޫން ކަމަށް ވިދާޅުވި އެވެ. ޓްރަމްޕް އެ ބޯޅަ ޖެއްސެވީ ސީދާ ގޯލް އޭރިއާ ތެރެއަށް ވެދެވަޑައިގެން ހުންނަވައެވެ. ޓައިވާނުގެ ރައީސާޔާ ފޯނުން ވާހަކަ ދެއްކެވުމަކީ ގޯލް އޭރިއާ ތެރެއަށް ވެދެވަޑައިގެންނެވުމެވެ. ހުވައި ކުރެއްވުމުގެ ކުރިން ޖެއްސެވި އެބޯޅައަށް ފަހު ދެން މުޅިން ވެސް ފެނުނީ ޗައިނާއިން އުފެއްދި ހަމަލާތަކެވެ. ޓްރަމްޕު ޖެއްސެވި ބޯޅަތައް ދިޔައީ ގޯލްގެ އަރި އަރިމަތިން ބޭރަށެވެ. ޗައިނާއިން ބޭކާރު ބޯޅަތަކެއް ނުޖަހަ އެވެ.

ޗައިނާއިން އަބަދުވެސް ބުނަމުން ދިޔައީ ޓައިވާނަކީ އެގައުމުގެ ބައެއް ކަމަށާއި އެކަމަށް އިހުތިރާމް ނުކުރުމުގެ އެއްވެސް އަމަލެއް ހިންގައިފި ނަމަ ޗައިނާގެ ސިޔާދަތު ދެމެހެއްޓުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އަޅާނެ ކަމަށެވެ. ޗައިނާއާއި އެކު ކުރާ ވިޔަފާރީގެ މުއާމަލާތްތަކަށް ބަދަލެއް ގެންނަވައިފާނެ ކަމަށް ޓްރަމްޕް އިޝާރާތް ކުރެއްވި ނަމަވެސް ޗައިނާއިން އެކަމަށް މާ ބޮޑު ރައްދެއް ނުދެއެވެ.
ދެން ފެނުނީ ތަފާތު މަންޒަރެކެވެ. އެމެރިކާއާއި އެންމެ ގިނަ ވިޔަފާރި ކުރާ ޗައިނާ ނޫން އެހެން ގައުމުތަކުގެ ވެރިންނާ ޓްރަމްޕް ފޯނުން ވާހަކަ ދައްކަވަނީއެވެ. ޗައިނާގެ ރައީސާ ނުގުއްޅުވައި ހުންނަވާފައި ފޮނުއްވީ ސިޓީފުޅެކެވެ.

ޓްރަމްޕް މިހާރު ހުންނެވީ ޗައިނާ އަތުން 0-1 އިން ބަލިވެވަޑައިގެންނެވެ. " ވަން ޗައިނާ ޕޮލިސީ " ދަމަހައްޓަވާނެ ކަމަށް އޭނާ މިހާރު ވަނީ ޗައިނާގެ ރައީސް ޝީޖިންޕިން އަށް ދަންނަވާފައެވެ. ފޯނުކޯލްވެސް ކުރެއްވީއެވެ.

"ޝީއާއި ކުރި ހަނގުރާމައިގައި ޓްރަމްޕް ބަލިވެއްޖެ، އޭނާއަކީ ކަރުދާހުން ހަދާފައިވާ މިނިކާވަގެއް ކަމަށް ދެން ބެލެވޭނެ،" ރެންމިން ޔުނިވާސިޓީ އޮފް ޗައިނާގެ ބައިނަލް އަގުވާމީ ގުޅުންތަކާ ބެހޭ ޕްރޮފެސަރު ޝީޔިންހޮން ނިއުޔޯކްޓައިމްސް އަށް ވިދާޅުވެފައި ވެއެވެ.

ޗައިނާގެ ސްޓޭޓް ކައުންސިލަށް ލަފާވެސް ދެއްވާ ޝީޔިން ވިދާޅުވެފައި ވަނީ ޗައިނާގައި އެކަން ސިފަކުރާނީ ޓްރަމްޕާ މުއާމަލާތްކުރެއްވުމުގައި ޝީޖިންޕިން އަމަލުކުރެއްވި ހަރުދަނާ ގޮތުގެ ސަބަބުން ހޯއްދެވި ކާމިޔާބީއެއްގެ ގޮތުގައި ކަމަށެވެ. ޗައިނާގެ އިސް ބޭފުޅުން ޓްރަމްޕާ މެދު ކުރިން ވެސް ދެކެވަޑައިގެންނެވީ އެފަދަ ގޮތަކަށެވެ. އެގޮތުން އޭނާއަކީ އަލަށް ރައީސްކަން ލިބިވަޑައިގެންނެވުމުން ޗައިނާއާއި މެދު ހަރުކަށި ވެވަޑައިގެން އުޅުއްވާ ބޭފުޅެއް ކަމަށާއި އިގުތިސާދީ ހަގީގަތާ ކުރިމަތިލައްވަން ޖެހުމުން ލެނބިވަޑައިގަންނަވާނެ ކަމަށް ޗައިނާއިން ދެކުނެވެ.
ޓްރަމްޕްގެ މި ނާކާމިޔާބީގެ ސަބަބުން ، ވިޔަފާރިއާއި އުތުރު ކޮރެއާގެ މައްސަލައާއި އިތުރު އެތައް ކަމަކާ ބެހޭ ގޮތުން ޗައިނާއާއި އެކު ކުރައްވަން ޖެހޭ މަޝްވަރާތައް ޓްރަމްޕަށް އުނދަގޫ ވެގެންދާނެ އެވެ.

ކުރިމަތިވާނެ އަނެއް ކަމަކީ ޓްރަމްޕް ދައްކާ ވާހަކަފުޅުތަކާ މެދު ޗައިނާގެ ލީޑަޝިޕުން ޝައްކު ކުރުމެވެ. ވަން ޗައިނާ ޕޮލިސީއަށް އިހުތިރާމް ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް ޗައިނާއިން އެކަމަށް މުޅިން އިތުބާރެއް ވެސް ނުކުރާނެ އެވެ.

ދުނިޔޭގެ ލީޑަރުންނާ ޓްރަމްޕް ފޯނުން ވާހަކަ ދައްކަވަމުން ގެންދެވި އިރު ޗައިނާގެ ރައީސާ ވާހަކަ ނުދައްކަވާ ހުންނެވީ އަމިއްލަފުޅަށް ކަމަށް ކުރިން ބެލެވުނަސް އެކަން ވެސް ވީ އެހެންނެއް ނޫނެވެ. ވީ ގޮތަކީ ޗައިނާގެ ރައީސް އެކަމާ ދެކޮޅު ހެއްދެވުމެވެ. ވަން ޗައިނާ ޕޮލިސީއަށް އިހުތިރާމް ކުރައްވާނެ ކަމުގެ އިޝާރާތެއް ލިބިވަޑައިގަންނަވަންދެން ޝީ ޖިންޕިން " ގޮތުގައި" ހުންނެވީ އެވެ.
އެހެންވީމާ 1-0 އިން މެޗު ކާމިޔާބު ކުރެއްވީ ޝީޖިންޕިން އެވެ.