އެމެރިކާއާއި މެކްސިކޯއާއި ދެމެދު ބިނާ ކުރާ ފާރަށް ހޭދަވާ މިންވަރު ކުޑަކުރުމުގެ ގޮތުން އެފާރު ޑިޒައިން ކުރުމުގައި ނުވަތަ އެކަމުގެ މަޝްވަރާތަކުގައި އަމިއްލަފުޅަށް ބައިވެރިވެވަޑައިގެންނެވުމުން ކުޑަވެގެންދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްވިޓާގައި ޓްރަމްޕް އިއްޔެ ވިދާޅުވެފައި ވަނީ ބޯޑާ ވޯލްއަށް ދާ ހަރަދު ސަރުކާރުން ލަފާކުރި ވަރަށް ވުރެ ބޮޑުވާނެ ކަމަށް ލިޔުންތަކުން ދައްކާ ކަމަށެވެ.
"ޑިޒައިން ކުރުމުގައި ނުވަތަ މަޝްވަރާކުރުމުގައި އަހަރެން އަދި ބައިވެރިއެއް ނުވަން. އަހަރެން ބައިވެރިވުމުން ، ހަމަ އެފް-35 ފައިޓާ ޖެޓް ނުވަތަ އެއާފޯސް ވަން ޕްރޮގްރާމެކޭ އެއްގޮތަށް، ބޮޑު ތަނަކުން އަގު ހެޔޮވެގެންދާނެ،" ޓްރަމްޕް އިއްޔެ ކުރެއްވި ދެ ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.
މެކްސިކޯއާއި އެމެރިކާއާއި ދެމެދު ފާރެއް ބިނާކުރުމަށް ހަރަދުވާނެ ކަމަށް ޓްރަމްޕް ސަރުކާރުން ލަފާކޮށްފައި ވަނީ 12ބިލިޔަން ޑޮލަރެވެ. ނަމަވެސް އިންޖިއަރުންނާއި ހާލަތު ދިރާސާ ކުރާ ފަރާތްތަކުން މިހާރު ލަފާކޮށްފައި ވަނީ އެ ކަމަށް އެއަށް ވުރެ މާބޮޑު ހަރަދެއް ހިނގާނެ ކަމަށެވެ.
ފާރުބިނާ ކުރުމާ ބެހޭ ގޮތުން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީން ތައްޔާރުކޮށްފައިވާ ލިއުމެއް މިހާރު ވަނީ ލީކްވެފައެވެ. އެ ލިއުމުގައި ލަފާކޮށްފައިވާ ގޮތުގައި އެކަމަށް 21 ބިލިޔަން ޑޮލަރު ހޭދަވާނެއެވެ. އަދި އެމަސައްކަތް ނިންމައިލުމަށް ތިން އަހަރާއި ބައިގެ މުއްދަތެއް ހޭދަވާނެއެވެ. ބޯޑަ ވޯލްއަށް ދާ ހަރަދު މެކްސިކޯ ސަރުކާރުން ދޭނެ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު މެކްސިކޯ ސަރުކާރުން ބުނަމުން ދަނީ އެކަމަށް ހަރަދުނުކުރާނެ ކަމަށެވެ. – ދަ އިންޑިޕެންޑެންޓް