ދުނިޔެ

އުތުރުކޮރެއާއިން މިސައިލެއް ޓެސްޓްކޮށް ޖަޕާނަށް ޖެއްސުންކޮށްފި

Feb 12, 2017

އުތުރުކޮރެއާއިން މެދު ރާސްތާގެ ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި އެވެ.

ރޮއިޓާސް ބުނީ އުތުރުކޮރެއާގެ އިރުމަތީ އައްސޭރިން ފޮނުވައިލި އެ މިސައިލް ވެއްޓުނީ ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ކަމަށެވެ.
ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް އޮފީހުން ބުނެފައި ވަނީ ޕޭންޔޮން ނަމަކަށް ކިޔާ ސަރަހައްދުން ފޮނުވައިލި އެ މިސައިލް ދަތުރުކޮށްފައި ވަނީ 500 ވަރަކަށް ކިލޯމީޓަރަށް ކަމަށެވެ. އަދި ބުނެފައި ވަނީ އުތުރުން ފޮނުވައިލި މިސައިލާ ބެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

މިއީ އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޖޭ ޓްރަމްޕް ވަޑައިގެންނެވި ފަހުން އުތުރުކޮރެއާއިން ކުރި މިފަދަ ފުރަތަމަ ޓެސްޓެވެ. އުތުރު ކޮރެއާގެ އެ އަމަލާ ބެހޭ ގޮތުން އެމެރިކާއިން ބުނެފައި ވަނީ އެމެރިކާ ސަރުކާރުން އެ ކަމަށް ރައްދު ދޭނެ ކަމަށާއި އެހެން ނަމަވެސް އަމަލުކުރާނީ ހާލަތު އިތުރަށް ގޯސް ނުވާނެ ގޮތަކަށް ކަމަށެވެ.

ރޮއިޓާސްއާ ވާކަދެއްކި އެމެރިކާ އޮފިޝަލަކު ބުނެފައި ވަނީ ޓްރަމްޕް ރައީސްކަމާއި ހަވާލުވެވަޑައިގެންނެވުމާއި އެކު ރުޅި އެރުވުމުގެ އަމަލުތައް ހިންގާނެ ކަމަށް އެމެރިކާ ސަރުކާރުން ކުރިން ވެސް ލަފާކޮށްފައިވާ ކަމަށެވެ.

"މިއީ ހައިރާންވާ ފަދަ ކަމެއް ނޫން. މިފަދަ ވަގުތުތަކުގައި ސަމާލުކަން ހޯދުމަކީ އުތުރުކޮރެއާގެ ލީޑަރު ކުރާހިތްވާ ކަމެއް،" ރޮއިޓާސްއާ ވާހަ ދެއްކި އެމެރިކާ އޮފިޝަލް ބުނެފައި ވެއެވެ.

އުތުރުކޮރެއާއިން ކުރި ޓެސްޓް ޖަޕާނުން ސިފަކޮށްފައި ވަނީ އެއްގޮތަކަށް ވެސް ނުގަނެވޭނެ ކަމެއް" ގެ ގޮތުގައެވެ. ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވެފައި ވަނީ ޔޫއެންގެ ސަލާމަތީ މަޖިލީހުގެ ގަރާތުތަކަށް އުތުރުކޮރެއާއިން ބޯ ލަނބަން ޖެހޭނެ ކަމަށެވެ.