ދުނިޔެ

ސައުދީ ކްރައުން ޕްރިންސަށް ސީއައިއޭއިން މެޑަލްއެއް ދީފީ

Feb 12, 2017

ސައުދީ އަރަބިއްޔާގެ ކްރައުން ޕްރިންސް، ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި އިންޓީރިއާ މިނިސްޓަރަ މުޙައްމަދު ބިން ނާއިފް އަށް މެޑަލެއް ދީފި އެވެ.

ޓެރަރިޒަމާ ދެކޮޅަށް އެމެރިކާއިން ބޭނުންވާ ގޮތަށް މަސައްކަތް ކުރާ މީހުންނަށް ސީއައިއޭއިން ދޭ ޖޯޖް ޓެނެޓް އެވޯޑް ޕްރިންސް މުޙައްމަދު ބިން ނާއިފަށް ދެއްވީ ސީއައިއޭގެ އާ ވެރިޔާ މައިކް ޕޮމްޕިއޯ ސައުދީ އަރަބިއްޔާއަށް ކުރެއްވި ޒިޔާރަތެއްގައި އިއްޔެއެވެ.

ސީއައިއޭއިން ޕްރިންސް މުޙައްމަދަށް އެ އެވޯޑް ދިނީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރައްވައި ދުނިޔޭގެ ސަލާމަތާއި ސުލްހައަކީ ހަގީގަތަކަށް ހަދަން އޭނާ ކުރައްވާފައިވާ މަސައްކަތް ފާހަގަކުރުމަށް ކަމަށް ސައުދީ އަރަބިއްޔާ ސަރުކާރުގެ ނޫސް އެޖެންސީ ، ސައުދީ ޕްރެސް އެޖެންސީ ( އެސްޕީއޭ) އިން ބުންޏެވެ.

ސީއައިއޭގެ ވެރިޔާގެ ހައިސިއްޔަތުން ޕޮމްޕިއޯ ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ސައުދީ އަރަބިއްޔާއަށް ވަޑައިގެން އިއްޔެ އެނާ ވަނީ ޕްރިންސް މުޙައްމަދާއި އެކު މަޝްވަރާތައް ބާއްވަވާފަ އެވެ.

އެމެރިކާއާއި ސައުދީ އަރަބިއްޔާއާއި ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ޕްރިންސް މުޙައްމަދު އެސްޕީއޭއަށް ވިދާޅުވެފައި ވަނީ އެ ދެގައުމުގެ ދެމެދަށް ހުރަސް އަޅަން ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާނެ ކަމަށެވެ. ސީއައިއޭއިން ދޭ ޖޯޖް ޓެނެޓް އެވޯޑަކީ އެ އިދާރާގެ ޑައިރެކްޓަރުގެ މަގާމުގައި ގޮތުން އެންމެ ދިގު މުއްދަތަކަށް މަސައްކަތް ކުރެއްވި ޖޯޖް ނެޓެޓް އަށް ނިސްބަތްކޮށްގެން ދޭ އެވޯޑެކެވެ.

ޖޯޖް ޓެނެޓް އަކީ 1996 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ސީއޭގެ ޑައިރެކްޓަރެވެ. އޭނާ އަކީ އެމެރިކާއިން އިރާގާއި އަފްޣާނިސްތާނާ ދެކޮޅަށް ކުރި ލޭ އޮހޮރުވުން ބޮޑު ހަނގުރާމަތަކުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.