ދުނިޔެ

ކަޝްމީރުގެ މައިން، އަދިވެސް ގެއްލުނު ދަރިންގެ އިންތިޒާރުގައި

ޝައުކަތު ނަންދާ އުޅެ ބޮޑުވީ އުނދަގޫ ހާލުގަ އެވެ. ހަނގުރާމައާއި ހަރުކަށި ވެރިކަމެއްގެ ދަށުގަ އެވެ. ނިމުމެއް ނެތް ހިތާމަތައް ތަހައްމަލުކުރަމުންނެވެ. އޭނާއަކީ އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ކުއްޖެކެވެ.
ކަޝްމީރުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހުރިހާ ކަމަކާ ބެހެމުން ދިޔަ އިންޑިއާ ސިފައިންނާ ދެކޮޅަށް 1989 ވަނަ އަހަރު ޒުވާނުން ތަކެއް ހަތިޔާރު އުފުލީ ނަންދާގެ އުމުރުން އެންމެ ހަތް އަހަރުގަ އެވެ. ކަޝްމީރުގެ އެ ޒުވާނުން އިންޑިއާ ސިފައިންނަށް ހަމަލާދޭން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕާކިސްތާނުން އެހަނގުރާމައިގެ ތެރެއަށް ވަނެވެ. އިންޑިއާއި ޕާކިސްތާނަށް 1947 ވަނަ އަހަރު މިނިވަންކަން ލިބުނީއްސުރެ އެ ދެގައުމުން އައީ ކަޝްމީރާ ހެދި އަރައިރުން ވަމުންނެވެ.
ހަނގުރާމަ ފެށިތާ އަހަރެއް ވީ އިރު ނަންދާގެ އަޚަކާއި ދެބޭންގެ ދެދަރި ކުއްޖެއްގެ ފުރާނަ ގެއްލުނެވެ. އުމުރުން 17 އަހަރުވީ ބޭބެ މަރުވީ ކަޝްމީރުގައި އިންޑިއާއި ޕާކިސްތާނުން ކޮންޓްރޯލް ކުރާ "ލައިން އޮފް ކޮންޓްރޯލް" ހުރަސްކުރުމަށް ފަރުބަދަމަތީ މަގުތަކުން ކުރަން އުޅުނު ދަތުރެއްގަ އެވެ. ބޭބެ މަސައްކަތް ކުރީ ޕާކިސްތާނުން ކޮންޓްރޯލް ކުރާ ސަރަހައްދަށް ހިޖުރަކުރުމަށެވެ. އެ އުމުރުގެ އެހެން ޒުވާނުންނެކޭ އެއްފަދައިން ބޭބެ ވެސް މަސައްކަތް ކުރީ އިންޑިއާއާއި ހަނގުރާމަ ކުރުމަށް ތަމްރީނު ވުމަށެވެ. އޭގެ ދެމަސް ފަހުން ނަންދާގެ ދެބެންގެ ދެދަރި ކުއްޖާ މަރުވީ އިންޑިއާ ސިފައިންނާ ދިމާލަށް ގާއުކުމުން އެމީހުން ދިން ބަޑީގެ ހަމަލާއެއްގަ އެވެ.

"ހުރިހާ ކަމަކީ ވެސް ޔަގީންކަމެއް ނެތް ކަންތައްތަކަށްވި، މުސްތަގުބަލާއި މެދު ހުވަފެން ދުށުން އަހަރެން ދޫކޮށްލިން،" މިހާރު އުމުރުން 34 އަހަރުވެފައިވާ ނަންދާ ނިއުޔޯކް ޓައިމްސްއަށް ބުނެފައި ވެއެވެ.
ހަނގުރާމައިގެ ސަބަބުން ނަންދާ ވީ ފޮޓޯ ގްރާފަރަކަށެވެ. ކުޑަކުއްޖެއްގެ ގޮތުގައި އޭނާ ފޮޓޯ ނަގަން ދަސްކުރީ މީހެއްގެ އަތުން ހޯދި ފިލްމް ލައްވާ ވައްތަރުގެ އެސްއެލްއާރް ކެމެރާއަކުންނެވެ.
މީހުން މަރުވުމާއި ގެއްލުން އަދި ލޮލެއް ނުވަތަ އެހެން ގުނަވަނެއް ގެއްލުމަކީ ކޮންމެ ދުވަހެއްގެ ހަގީގަތް ކަމުގައި ނުވާ މާހައުލެއްގައި އުޅެ ބޮޑުވަން ލިބުނު ނަމަ ފޮޓޯ ނެގުން ވީހީ ނަންދާގެ ހޮބީއަކަށެވެ. އެހެނީ އޭނާ އެންމެ ފުރަތަމަ ދެކެމުން އައީ އޮޕަރޭޝަން ކުރާ ޑޮކްޓަރަކަށް ވުމަށެވެ. މެދު ފަންތީގެ ތައުލީމީ އާއިލާއެއްގެ ރަނގަޅު ދަރިވަރަކާ އެންމެ އެކަށީގެންވަނީ ވެސް އެކަމެވެ.

ނަމަވެސް ނަންދާއަށް ފެނުނު މާ ގިނަ މަންޒަރުތަކުގެ ސަބަބުން ނަންދާ ކިޔެވީ ޑޮކިއުމެންޓްރީ ފޮޓޯގްރާފީގެ ދާއިރާއިންނެވެ. އޭނާ އެދާއިރާއިން ކަޝްމީރު ޔުނިވާސިޓީ އިން މާސްޓާސް ހެދި އެވެ.

"ނިމުމެއް ނެތް އިންތިޒާރު" ނަމުގައި ޑޮކިއުމެންޓްރީއެއް ހެދުމަށް ނަންދާ ކުރިއަށް ގެންދާ މަޝްރޫއަކީ ނަންދާ ބުނާ ގޮތުގައި އޭނާގެ ހަޔާތުގެ ބޮޑުބައެއްގައި އެއްކޮށްފައިވާ ފޮޓޯތައް ބޭނުންކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މަޝްރޫއުގެ އަމާޒަކީ ގަދަކަމުން ގެއްލުވާލާފައިވާ މީސްމީހުންނެވެ.

އެމީހުން ގެއްލުވާލާފައި ވަނީ އެނދުގައި ނިދަން ތިއްބައި ނުވަތަ ބާޒާރުމަތީގައި އުޅެނިކޮށް ވަގަށް ނަގައިގެންނެވެ. ނުވަތަ ހަނގުރާމަވެރިންނާ ބައިވެރިވި ކަމުގެ ތުހުމަތަށް ހައްޔަރުކުރުމަށް ފަހުގަ އެވެ. އެއިން އެއްވެސް މީހަކު އެނބުރި އަލުން އައި ތަނެއް ފެނިފައެއް ނުވެ އެވެ.

ގަދަކަމުން މީހުން ގެއްލުވައިލުމަކީ ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގައި އާއްމު ކަމެކެވެ. ނަމަވެސް ނަންދާ ދަތުރުކުރި އަވަށްތަކުން ގެއްލިފައިވާ އެތައް ހާސް މީހުންނެއް، ގެއްލުވައިލި މައްސަލައަށް ދުނިޔޭގެ ސަމާލުކަމެއް ނުލިބެ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ ތަކުން ލަފާކުރާ ގޮތުގައި ގެއްލުވާލާފައިވާ މީހުންގެ އަދަދު އުޅެނީ 6000 އާއި 8000 އާ ދެމެދުގަ އެވެ.

ކަޝްމީރުގައި މަސައްކަތްކުރާ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަނީ މީހުން ވަޅުލާފައިވާ 2700 ތަން ހޯދާފަ އެވެ. އޭގެ ތެރެއިން ބައެއް ތަންތަނުގައި އެކަކަށް ވުރެ ގިނައިން ވަޅުލާފައިވެ އެވެ.

"ނިމުމެއް ނެތް އިންތިޒާރު" ޑޮކިއުމެންޓްރީގައި ހިމެނޭ ހިތާމަވެރި ބައެއް ފޮޓޯތަކަކީ ނަންދާ އެތައް ފަހަރަކު ބައްދަލުކޮށްފައިވާ އަންހެނުންނެވެ. ނުވަތަ އޭނާ ދަންނަ ރަހުމަތްތެރިންނެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ގެއްލިފައިވާ ދަރިން ނުވަތަ ފިރިން ހޯދުމަށް ކުރި މަސައްކަތުގައި އެމީހުންގެ ހުރިހާ ވަގުތަކާއި މުދަލެއް ހޭދަކޮށްފަ އެވެ. އެކަމުގެ ސަބަބުން އެމީހުން ވަނީ ފަގީރުވެފަ އެވެ. އެކަމުގައި އެމީހުން ވަނީ ފުލުހުންގެ މަރުކަޒުތަކަށާއި ސިފައިންގެ މަރުކަޒުތަކަށާއި ޖަލުތަކަށާއި މީހުންނަށް ލާއިންސާނީ އަނިޔާދޭ ކޭމްޕްތަކަށް ޒިޔާރަތްކޮށްފަ އެވެ. ނަމަވެސް ނަންދާ ދަންނަ އެއްވެސް އަންހެނަކަށް، ގެއްލިފައިވާ ދަރިން ނުވަތަ ފިރިން އަލުން ދުށުމުގެ ނަސީބު ލިބިފައެއް ނުވެ އެވެ.

ދަރިފުޅަށް ވީގޮތް އެނގުމަކީ ވެސް އެ އަންހެނުންގެ ނިސްބަތުގައި ނަސީބެކެވެ. އެފަދަ އެކަކީ އުމުރުން 74 އަހަރުގެ ހުވަފަތް އަންހެނެއްކަމަށްވާ ހަޖްރާ ބޭގަމް އެވެ. އޭނާއަށް 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލިބުނު ވެލިކޮތަޅަކީ 1997 ވަނަ އަހަރު ގެއްލުނު އޭނާގެ ފިރިހެން ދަރިފުޅުގެ މަހާނައިން ނަގާފައިވާ ވެލިކޮތަޅެކެވެ.

ނަންދާ ބުނެފައިވާ ގޮތުގައި އޭނާ މިހާރު ވަނީ "ނިމުމެއް ނެތް އިންތިޒާރު" ޑޮކިއުމެންޓްރީގެ ފުރަތަމަ ފިޔަވަހި ނިންމާލާފަ އެވެ. އޭނާ އެމަސައްކަތް ކުރީ މެގްނަމް އިމަޖެންސީ ފަންޑްގެ އެހީތެރިކަމާއި އެކުގަ އެވެ. އަދި އޭނާ އުއްމީދުކުރަނީ އެ މަސައްކަތް ކަޝްމީރާއި ކަޝްމީރުން ބޭރުގައި ވެސް ދައްކައިލުމަށެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި ކަޝްމީރުގެ އާއިލާތަކުގެ ނިމުމެއް ނެތް ހިތާމަ ދުނިޔޭގެ އެހެން ހިސާބުތަކުގެ މީހުންނަކަށް ނޭނގެ އެވެ.

"އަހަރެން ބުނާނީ ފާއިތުވި 26 އަހަރު ހިނގި ކަންތައްތަކުގެ 90 ޕަސެންޓް، ދުނިޔޭގެ އެހެން ހިސާބުތަކުގެ މީހުންނަކަށް ނޭނގޭނޭ،" ނަންދާ ބުނެފައިވެ އެވެ.