ދުނިޔެ

އޮސްޓްރިއާ ބަޔަކަށް ހިޓްލަރާ ވައްތަރު މީހަކު ފެނިގެން ތަހުގީގެއް ފަށައިފި

ޖަރުމަނުގެ ކުރީގެ ޚުދު މުޚުތާރު ވެރިޔާ އެޑޮލްފް ހިޓްލަރާ އެއްވައްތަރު މީހަކު ، އޮސްޓްރިއާގައިވާ އޭނާގެ އުފަން ރަށުން ފެނުނު ކަމުގެ ރިޕޯޓްތަކެއް ލިބިގެން އެގައުމުގެ އިދާރާތަކުން އެކަން ތަހުގީގުކުރަން ފަށައިފި އެވެ.

ރޮއިޓާސް ބުނީ ހިޓްލަރުގެ އުފަން ރަށް ބްރައުނައު އޭމް އިން އިން ފެނުނު ކަމަށް ބުނާ މީހާ ހިޓްލަރުގެ ހުންނަ ފަދަ މަތިމަހެއް ބަހައްޓައި، ބޮލުގެ އިސްތަށިގަނޑުވެސް ހިޓުލަރާ އެއްގޮތަށް ބަހައްޓާފައިވާ ކަމަށާއި ހެދުން އަޅާފައި ވަނީ ވެސް ހިޓްލަރާ އެއްގޮތަށް ކަމަށް، އޭނާ ދުށް ކަމަށް ބުނާ މީހުން ބުނެފައިވާ ކަމަށެވެ.

ހިޓްލަރާއި ވައްތަރު މީހަކު ފެނު ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަން އޮސްޓްރިއާގެ ޕްރޮސެކިއުޓަރުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް އެ އެޖެންސީން ހޮނިހިރު ދުވަހު ބުންޏެވެ.

ފަންސަވީސް އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރެއްގައިވާ ކަމަށް ބެލެވޭ އެމީހާ އެންމެ ފަހުން ފެނިފައި ވަނީ ޕަބްލިކް ލައިބްރަރީއެއްގައި ދެވަނަ ބޮޑު ހަނގުރާމައާ ބެހޭ މަޖައްލާތަކެއް ހާވަން އިންދައެވެ. އަދި ބްރައުނައުގެ ބާއެއްގައި އޭނާ އަމިއްލައަށް ތައާރަފް ވެފައި ވަނީ "ހެރަލްޑް ހިޓްލަރު" ގެ ނަމުގަ އެވެ.

އަދި ހިޓްލަރު އެ ގެއެއްގައި އުފަންވި ގޭގެ ބޭރުގައި އޭނާ ހުއްޓައި ފޮޓޯ ނަގާފައިވާ ކަމަށް ވެސް އޮސްޓްރީއާގެ ނޫސްތަކާއި ހަވާލާދީ ރޮއިޓާސްގެ ހަބަރުގައި ބުނެފައިވެ އެވެ. ހިޓުލަރަށް އިހުތިރާމްކޮށް، އޭނާ މަތިވެރި ކުރުމަކީ އޮސްޓްރިއާގައި ގާނޫނީ ކުށެކެވެ. ހިޓްލަރުގެ ނާޒީ ވެރިކަމުގެ ދުވަސްވަރު އޮސްޓްރިއާ އަކީ ޖަރުމަނުގެ ބަޔަކަށް ހެދި އެވެ.