ދުނިޔެ

އެމެރިކާގެ އެންމެ ދިގު ޑޭމް ހަލާކުވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

Feb 13, 2017

ބޯ ވާރޭގެ ސަބަބުން އެމެރިކާގެ އެންމެ ދިގު ޑޭމް ބަލިކަށިވެ، ރޫޅިދާނެ ކަމުގެ ބިރު ހީވެފައިވާތީ އެޑޭމް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދާން ކަމާ ބެހޭ އިދާރާތަކުން އަންގައިފި އެވެ.

ކެލިފޯނިއާގެ އޮފިޝަލުން ބީބީސީއަށް ބުނެފައި ވަނީ އޮރޯވިލީ ޑޭމްގެ އިމާޖެންސީ ސްޕިލްވޭ ކޮންމެ ވަގުތަކުވެސް ރޫޅިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ. އެފަދަ ކަމެއް ހިނގައިފި ނަމަ ފެންބޮޑުވާނެ ސަރަހައްދުތަކުގައިވާ ގެތަކުގެ މީހުންނަށް އަންގާފައި ވަނީ ގެދޮރު ދޫކޮށް ވަގުތުން ދިއުމަށެވެ. އޮރޯވިލީ ޑޭމްގެ ވޯޓާ ރިޒާވިއާގެ ފެންގަނޑު އުފުލެން ފެށީ ބޯކޮށް ވާރޭ ވެހުމާއި ސްނޯ ފޭބުމުގެ ސަބަބުންނެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހިފައި މިވަނީ ހަނަފަސް އަހަރުތަކަކަށް ފަހުގަ އެވެ.

ކެލިފޯނިއާގެ ޑިޕާޓްމަންޓް އޮފް ވޯޓާ ރިސޯސަސް އިން އާދީއްތަ ދުވަހު ބުނީ އޮރޯވިލީ ކުޅި ބަންޑުން ވިޔަ ނުދިނުމަށް ޑޭމްގެ މައި ސްޕިލްވޭ އިން ސިކުންތަކު 100000 ކޮޑިފޫޓްގެ ފެން ދޫކުރަމުންދާ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު އިންޖިނިއަރުން އެގޮތަށް ފެން ދޫކުރަން ފެށީ އޮރޯވިލީ ޑޭމްގެ ސްޕިލްވޭ އިން ކޮންކްރީޓްގެ ބޮޑެތި ތަންގަނޑު ގަނޑު ނެއްޓި މަދުވެފައިވާކަން ފާހަގަވެގެންނެވެ.

އޮރޯވިލީ ޑޭމް އޮންނަ އޮރޯވިލީ ޓައުން އަކީ 16000 މީހުން ދިރިއުޅޭ ރަށެކެވެ. ކެލިފޯނިއާގެ އިދާރާތަކުން އެމީހުންނަށް އަންގާފައި ވަނީ އުތުރަށް ދަތުރުކުރުމަށެވެ.