އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ގެންގުޅުއްވާއި އިމިގްރޭޝަން ސިޔާސަތާއި މެކްސިކޯއާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގުގައި " ބޮޑުފާރު" ލުމުގެ މަޝްރޫއާ ދެކޮޅު ހެދުމުގެ ގޮތުން މެކްސިކޯގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފިއެވެ.
މެކްސިކޯގެ އެތައް ރަށެއްގެ މަގުތަކަށް މުޒާހަރާކުރަން ނުކުތްމީހުން ތިބީ ހުދު ހެދުން އަޅައިގެން ޓްރަމްޕާ ދެކޮޅު ޝިއާރުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެންނެވެ.
"ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތުތަކަކީ ބައިނަލް އަގުވާމީ މުޖުތަމައަށް އޮތް ނުރައްކަލެއް،" މުޒާހަރާގައި ބައިވެރިވި މާރިއާ އަންޕާރޯ ކާސަރް ބީބީސީއަށް ބުނެފައި ވެއެވެ.
އޭނާ ބުނީ އެމެރިކާގެ މުޖުތަމައުތައް އުފެދިފައި ވަނީ އަދި އުފެދެމުން ދަނީ އެގައުމަށް ހިޖުރަކުރާ މީހުން ހިމެނިގެން ކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީގައި މުޒާހަރާ ކުރި މީހުން ގެންގުޅެފައި ވަނީ ތަފާތު ބޯޑުތަކެކެވެ. އެމީހުން ގެންގުޅުނު ބޯޑްތަކުގައި ލިޔެފައި ވަނީ މެކްސިކޯ މީހުން އެއްބައިވަންތަ ކުރެއްވީތީ ޓްރަމްޕަށް ޝުކުރުއަދާ ކުރާ ކަމަށެވެ.
މެކްސިކޯއާއި އެމެރިކާއާ ދެމެދު ފާރެއް ލެއްވުމަށް ޓްރަމްޕް އުޅުއްވާތީ މެކްސިކޯ މީހުން ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފަ އެވެ. އަދި އެފާރު ލުމަށް މެކްސިކޯއިން ހަރަދުކުރަން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުމާ މެކްސިކޯގެ ރައީސް ނިއޭޓޯ ވަނީ ތަކުރާރުކޮށް ދެކޮޅު ހައްދަވާފަ އެވެ.
މެކްސިކޯއާއި އެމެރިކާއާއި ދެމެދު، ހުރަސް ނުކުރެވޭ ފަދަ ފާރެއް ލުމުގެ މަސައްކަތް ކުރުމަށް އަމުރުކުރައްވައި ޓްރަމްޕް ވަނީ ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. މެކްސިކޯއާއި އެމެރިކާއާއި ދެމެދު 2000 މޭލުގެ ފާރެއް ލުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. ޚިޔާނާތާއި ފަސާދައާއި ހަމަނުޖެހުންތައް ހުއްޓުވުމުގައި ނާކާމިޔާބު ވެވަޑައިގެންފައި ވާތީ މެކްސިކޯގެ ރައީސް އެންރިކް ޕޭނާ ނިއޭޓޯއާ ދެކޮޅަށް ވެސް އެމީހުން އަޑު އުފުލި އެވެ.