ދުނިޔެ

ޓްރަމްޕްގެ ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާދީފިި

Feb 14, 2017

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ސެކިއުރިޓީ އެޑްވައިޒަރު މައިކަލް ފްލިން މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ފްލިން އިސްތިއުފާ ދެއްވީ އޭނާއާއި ރަޝިޔާގެ އިސް އޮފިޝަލުންތަކަކާ އޮތް ގުޅުމަކާ ބެހޭ ގޮތުން ޖަސްޓިސް ޑިޕާޓްމަންޓުން ސަރުކާރަށް އިންޒާރުކޮށްފައިވާ ކަމަށް ބުނާ ރިޕޯޓްތަކެއް އާއްމުވެފައި ވަނިކޮށެވެ. ފްލިންއާއި ރަޝިޔާގެ އިސް އޮފިޝަލުންނާ ގުޅުން އޮންނަ ކަން ހާމަވެފައި ވާއިރު ޑިޕްލޮމެޓިކް މަސައްކަތްތައް އަމިއްލަ ގޮތުން ކުރުމަކީ އެމެރިކާގައި މަނާ ކަމެކެވެ.

ފްލިން އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ މަގާމު، ވަގުތީ ގޮތުން އަދާކުރައްވާނި އެކްޓިން ނެޝަނަލް ސެކިއުރުޓީ އެޑްވައިޒަރު ޖެނެރަލް ކެއިތު ކެލޮގް ކަމަށް ވައިޓްހައުސްގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުންޏެވެ.

ފްލިން އަކީ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ވަރަށް ބޮޑަށް ތާއީދުކުރެއްވި ބޭފުޅެކެވެ. ނަމަވެސް އޭނާއާއި ރަޝިޔާގެ އޮފިޝަލުންނާ ގުޅުން އޮންނާތީ ޓްރަމްޕްގެ އަރިސް އެހެން ބޭފުޅުން އޭނާ އާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަން ކުރިން ވެސް އޮތީ އެނގިފަ އެވެ. ޓްރަމްޕް އިންތިހާބުވެ، ހުވައިކުރެއްވުމާ ދެމެދު ހޭދަވި ޓްރާންސިޝަނަލް މުއްދަތުގައި ރަޝިޔާގެ އެމްބެސެޑަރާ އޭނާއާއި ދެމެދު މަޝްވަރާތަކެއް ހިނގާފައި ވެދާނެ ކަމަށް އޭނާ ވަނީ ވައިޓްހައުސްގެ އޮފިޝަލުންނަށް ފަހުން ދަންނަވާފަ އެވެ.