ދުނިޔެ

ލޭބާ ސެކްރެޓަރީއަކަށް ޓްރަމްޕް ހުށަހެޅުއްވި ޕުޒްޑާ ނަން އަނބުރާ ގެންގޮސްފި

Feb 16, 2017

ލޭބަ ސެކްރެޓަރީގެ ގޮތުގައި ކެބިނެޓްގައި ހިމެނުއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައަޅުއްވާފައިވާ އެންޑްރޫ ޕުޒްޑާ އޭނާގެ ނަން އަނބުރާ ގެންދަވައިފި އެވެ.

އޭނާ ނަން އަނބުރާ ގެންދެވީ އޭނާ މަގާމަށް ވަޑައިގެންނެވުމަށް ބޭނުންވާ ތާއީދު އެމެރިކާގެ ސެނެޓުން ލިބިވަޑައި ނުގަންނަވާނެ ކަމަށް ބެލެވިގެންނެވެ.

ޕުޒްޑާ ނަން އަނބުރާ ގެންދެވުމަކީ 100 ދުވަސް ނުވާ ޓްރަމްޕް ސަރުކާރަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ. އެހެނީ އެކަން ކުރިމަތިވެފައި މިވަނީ ސެކިއުރިޓީ އެޑްވައިސަރު މައިކަލް ފްލިން ހޯމަ ދުވަހު އިސްތިއުފާދެއްވުމުގެ ސަބަބުން ސަރުކާރަށް ބޮޑު ނުތަނަވަސްކަމެއް ލިބިފައިވާ ވަގުތެއްގަ އެވެ.

އެމެރިކާގައި ރެސްޓޯރެންޓްތައް ހިންގާ ބޮޑު ކުންފުންޏެއްކަމަށްވާ ސީކޭއީ ރެސްޓޯރެންޓްސްގެ ވެރިޔާ ޕުޒްދާ ލޭބަ ސެކްރެޓަރީއަކަށް ހަމަޖެއްސުމުން އޭނާއަށް ވަނީ ގާނޫނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން އެނާގެ ކުންފުންޏާ ދެކޮޅަށް މަސައްކަތްތެރިން ވަނީ ގިނަ މައްސަލަތަކެއް ހުށަހަޅާފަ އެވެ.

ސައްހަ ލިޔެކިއުންތައް ނެތް ބިދޭސީއަކު ގޭގައި ގެންގުޅުއްވި ކަމަށް ޕުޒްޑާ ވަނީ މިމަހުގެ ކުރީ ކޮޅު އިއުތިރާފްވެވަޑައިގެންފަ އެވެ.

ޕުޒްޑާ އަށް ރުހުން ދިނުމުގެ ޖަލްސާ އެމެރިކާގެ ސެނެޓްގައި ބޭއްވުމުގެ ކުރިން ފާޅުގައި އޭނާއަށް ތާއީދުކުރުމާ ޓްރަޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ބައެއް ސެނެޓް މެމްބަރުން ވަނީ ދެކޮޅު ހައްދަވާފަ އެވެ.