ދުނިޔެ

އަފްޣާނިސްތާނުގައި ދިން ބޮމުގެ ހަމަލާގައި ޒަހަމްވި ޔޫއޭއީގެ ސަފީރު އަވަހާރަވެއްޖެ

Feb 16, 2017

އަފްޣާނިސްތާނުގައި މިދިޔަ ޖެނުއަރީ މަހު ދިން ބޮމުގެ ހަމަލާއެއްގައި ޒަހަމްވި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރު އަވަހާރަވެއްޖެ އެވެ.

ޔޫއޭއީގެ މިނިސްޓްރީ އޮފް ޕްރެޒިޑެންޓަލް އެފެއާޒް އިން ބުނީ އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޫމާ މުހައްމަދު އަބުދުﷲ އަލް ކާބީ އަވަހާރަވީ އަފްޣާނިސްތާނުގެ ކަންދަހާރުގައި ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ސަބަބުން ކަމަށެވެ.

އޭނާ އަވަހާރަވީ ދުބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަނިކޮށެވެ.

ޖޫމާ ޒަހަމްވި ހާދިސާ ހިނގީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ކަންދަހާރުގައި، ކަންދަހާރުގެ ގަވާނާ ހުމަޔުން އަޒީޒީގެ ގަނޑުވަރުގެ ގޯތިތެރޭގައި ހުންނަ ގެސްޓްހައުސްއަކަށް ދިން ބޮމުގެ ހަމަލާއެއްގަ އެވެ.

ހަމަލާ ދިން ދުވަހު ޔޫއޭއީއާއި އަފްޣާނިސްތާނުން ވެސް ބުނެފައި ވަނީ ޖޫމާ ޒަހަމްވީ ކުޑަކޮށް ކަމަށެވެ. އެހަމަލާގައި 12 މީހުން މަރުވެ، 14 މީހުން ޒަހަމްވި އެވެ. މަރުވިމީހުންގެ ތެރޭގައި ކަންދަހާރުގެ ޑެޕިއުޓީ ގަވާނާ އަބުދުﷲ އަލީ ޝަމްސީ ވެސް ހިމެނެ އެވެ.

އެހަމަލާގެ ޒިންމާ އަފްޣާނިސްތާނުގެ އެއްވެސް ހަނގުރާމަވެރި ޖަމާއަތަކުން މިހާތަނަށް އުފުލާފައެއް ނުވެ އެވެ. ނަމަވެސް ޔޫއޭއީ އިން ސިފަކުރަނީ އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.