ދުނިޔެ

ވާހަކަ ދައްކާ ބުދު "ކޭލާ" އަކީ ޖާސޫސެއް

Feb 19, 2017

"ރަން އިސްތަށިގަނޑަކާއި އުޖާލާ ލޮލެއް ހުންނަ ބުދު ' ކޭލާ' ދައްކާނީ ހޮބީ ތަކުގެ ވާހަކަ އެވެ. ދުނިޔެއާ ބެހޭ ގޮތުން ކުރާ ގިނަ ސުވާލުތަކަކަށް އޭތި ޖަވާބުދެ އެވެ. ނަމަވެސް އެ ބުދަކީ ތިބާގެ ދަރިފުޅާ ދެކޮޅަށް ޖާސޫސް ވެސް ކޮށްފާނެ ބުދެކެވެ،"

މިއީ ޖަރުމަނުގެ ބެލެނިވެރިންނަށް އެގައުމުގެ ޓެލެކޮމިއުނިކޭޝަންއާ ބެހޭ އިދާރާ 'ދަ ފެޑެރަލް ނެޓްވޯކް އެޖެންސީ' އިން ހުކުރު ދުވަހު ދިން އިންޒާރުގައި ބުނެފައިވާ ވާހަކަކޮޅެކެވެ. އެ އެޖެންސީން ބުނެފައި ވަނީ އެބުދަކީ މީހުންގެ ޒާތީ ވާހަކަތައް ރެކޯޑްކޮށް، ރައްކާތެރި ނޫން ބްލޫ ޓޫތު ކަނެކްޝަނެއް މެދުވެރިކޮށްގެން މައުލޫމާތު ދަމައިގަތުމަށް ހެކަރުންނަށް ބޭނުންކުރެވިދާނެ ފަދަ އާލާތެއް ކަމަށެވެ.

(ކޭލާ ބުދު ވާހަކަތައް ދައްކައި ސުވާލުތަކަށް ޖަވާބުދީ ހަދަނީ އިންޓަނެޓް މެދުވެރިކޮށް އެއަށް ފޮނުވައިދޭ މައުލޫމާތު ތަކަކުންނެވެ.)

ޖަރުމަނުގެ ފެޑެރަލް ނެޓްވޯކް އެޖެންސީން ބުނެފައި ވަނީ އެ ވައްތަރުގެ ބުދުތައް ފިހާރަތަކުގެ ހަރުގަނޑުތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ ބުދު ޖަރުމަނަށް އެތެރެކުރުން މަނާކޮށްފައިވާ ކަމަށެވެ.

"ފޮރުވިފައިވާ ކެމެރާތައް ނުވަތަ މައިކްތައް ހުންނަ ތަކެއްޗަކީ މީހުންގެ ޒާތީ ދިރިއުޅުމަށް ނުރައްކާވާ ފަދަ މައުލޫމާތު ( އެހެން މީހަކަށް) ފޮނުވައިފާނެ އެއްޗެއް، އެ އެޖެންސީގެ ރައީސް ހޯޝެން ހޮމާން ނިއުޔޯކްޓައިމްސް އަށް ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވެފައި ވަނީ ކައިލާ ބުދު ގެންގުޅުމަކީ ޖަރުމަނުގެ ގާނޫނުތަކުން މަނާކުރާ ކަމެއް ކަމަށެވެ.

ހޮމާން ބެލެނިވެރިންނަށް ބާރު އަޅުއްވަނީ އެމެރިކާގެ ޖެނެސިސް ޓޯއީސް ކުންފުނިން އުފައްދާފައިވާ ކޭލާ ބުދު ޑިއެކްޓިވޭޓް ކުރުމަށެވެ. އެ ބުދުގެ މައްސަލަ އެމެރިކާގައި ވެސް ވަނީ ހޫނުވެފަ އެވެ. ޖެނެސިސް ޓޯއީސް އިން ކުޑަކުދިންގެ ޒާތީ މިނިވަން ކަމަށް އަރައިގެންފައިވާ ކަމަށް ބުނެ، އެޑްވޮކަސީ ގްރޫޕްތަކުން މިދިޔަ ޑިސެމްބަރު މަހު އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަނަށް ވަނީ ޝަކުވާ އުފުލާފަ އެވެ.

ޖަރުމަނުގެ މި ނިންމުމަކީ ގޭގައި ގެންގުޅޭ ސްމާޓް އުފެއްދުންތައް މާ ބޮޑަށް ސްމާޓް ވެދާނެތީ އޮތް ކަންބޮޑުވުން ބޮޑުވަމުން އަންނަކަން ދައްކުވައިދޭ ނިންމުމެކެވެ. ގޭގައި ގެންގުޅޭ ބޭބީ މޮނިޓާ ފަދަ އާލާތްތައް ހެކްކޮށް، އެފަދަ ތަކެތި ބޭނުންކޮށްގެން ކުށްތައް ކުރާ ކަމުގެ ރިޕޯޓްތައް ފަހަކަށް ވަނީ ލިބެން ފަށާފަ އެވެ. އަދި އެކަމުގެ ސަބަބުން އިދާރާތަކަށް ވަނީ ކަންބޮޑުވުން ކުރިމަތިވެފަ އެވެ.

ކަން މިހެން އޮތް އިރު ކުޅޭ ކުޅޭ ބުދާއި މެޑިކަލް އިކުއިޕްމެންޓްތަކާއި ކާރުތައް ހެކް ކުރުމަކީ ކިހާ ފަސޭހަ ކަމެއް ކަން ގިނަ ދިރާސާތަކަކުން ވަނީ ހާމަވެފަ އެވެ.