ދުނިޔެ

ރެފިއުޖީ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ނަސޯރާ އިމާމަކު ހައްޔަރުކޮށްފި

Feb 23, 2017
2

ރެފިއުޖީންގެ ގޮތުގައި ގްރީސްއަށް ގޮސް ތިބި ޕާކިސްތާނުގެ ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތަށް ނަސޯރާ ދީނުގެ އިމާމަކު ހައްޔަރުކޮށްފި އެވެ.

ފްރާންސްގެ ފްރާންސިސްކަން ޗާޗްއަށް ނިސްބަތްވާ އެމީހާ ގޯނާ ކުރީ ގްރީސްގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ތެސަލޮނިކީގެ ރެއިލްވޭ ސްޓޭޝަނެއްގައި ނިދަމުން ދިޔަ ޕާކިސްތާނުގެ ހަތަރު ފިރިހެން ކުދިންނަށެވެ. އެއީ އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުގެ ކުދިންތަކެކެވެ.

އެ ކުދިން ގްރީސް ފުލުހުންނަށް ކިޔައިދީފައިވާ ގޮތުގައި އެކުދިން ރެއިލްވޭ ސްޓޭޝަނުގައި އުޅެނިކޮށް، އެކުދިން ގެންގޮސް އޭނާގެ ގެއިން ބޯހިޔާވަހި ކަމާއި ކެއުން ހަމަޖައްސައި ދިނެވެ. އަދި އެއަށް ފަހު ތަކުރާރުކޮށް އޭނާ އެކުދިންނަށް ގޯނާ ކުރި ކަމަށް އެކުދިން ވަނީ ފުލުހުންނަށް ކިޔައިދީފަ އެވެ.

ނަސާރާ އިމާމު ކުރަމުން ދިޔަ ގޯނާތައް ގްރީސް ފުލުހުންނަށް ރިޕޯޓްކުރީ ނުރައްކަލަށް ހުށަހެޅިފައިވާ ރެފިއުޖީންނަށް ހިމާޔަތްދޭ ސެންޓަރަކުންނެވެ. އެއީ އެތަނުން އެއްކުއްޖަކު ފިލައިގެން ގޮސް އެސެންޓަރުން ހިމާޔަތް ހޯދުމުންނެވެ.

ނަސާރާ އިމާމު ހޯދުމަށް ގްރީސް ފުލުހުން ހިންގި އޮޕަރޭޝަނުގައި އޭނާގެ ގެއިން ހަ ހާޑް ޑްރައިވްއައި ޔޫއެސްބީ އަކާއި ގްރީކްގެ ގާނުނުން މަނާކޮށްފައިވާ ޑްރަގްގެ ބާވަތެއްގެ ގިނަ ގުޅަތަކެއް ވަނީ ހޯދާފައެވެ.

ގްރީސް ފުލުހުން ބުނެފައި ވަނީ އެގައުމުގައި އުޅޭތާ 12 އަހަރު ވެފައިވާ ފްރާންސްގެ އެމީހާގެ މައްޗަށް، ޖިންސީ ގޯނާ ކުރުމާއި ޑްރަގް ބޭނުންކުރުމާއި ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ. - އަލްޖަޒީރާ