އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ބޭއްވި ނުރަސްމީ ޕްރެސް ބްރީފިން އަކަށް ވަނުން އެމެރިކާއާއި ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި މީޑިއާ އޯގަނައިޒޭޝަންތަކުގެ ނޫސްވެރިން ވަނުން އެމެރިކާ ސަރުކާރުން މަނާކޮށްފި އެވެ.
ހުކުރު ދުވަހު ބޭއްވި އެ ބްރީފިން އަށް ނުވެއްދި މީޑިއާތަކުގެ ތެރޭގައި ބީބީސީއާއި ސީއެންއެން އާއި ނިއުޔޯކްޓައިމްސް ހިމެނެއެވެ. އެ ތަންތަނުގެ ނޫސްވެރިން ނުވެއްދި ސަބަބެއް އެމެރިކާ ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
އެމެރިކާ ސަރުކާރުން މިގޮތަށް އަމަލުކޮށްފައި މިވަނީ މީޑިއާތަކުން ދޮގު ހަބަރު ފަތުރާ ކަމަށާއި އެފަދަ މީޑިއާ ތަކަކީ ރައްޔިތުންގެ ދުޝްމަނުން ކަމަށް ވިދާޅުވެ، ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.
މީޑިއާތަކާއި ޓްރަމްޕް ސަރުކާރާ ދެމެދު ފުރަތަމަ ދުވަހުން ފެށިގެން ވެސް އޮތް މައްސަލަ ބޮޑަށް ހޫނުވީ ޓްރަމްޕްގެ ރިޔާސީ ކެމްޕޭނުގައި އިސްކޮށް އުޅުއްވި ބޭފުޅުންނާއި ރަޝިޔާގެ އިންޓެލިޖެންސް އޮފިޝަލުންނާ ގުޅުން ތަކެއް އޮތް ކަމަށް ބުނާ ރިޕޯޓްތަކެއް އާއްމު ކުރުމުންނެވެ.
ވައިޓްހައުސްގައި ހުކުރު ދުވަހު ބޭއްވި ޕްރެސް ބްރީފިން އަށް ވަނުމުގެ ފުރުސަތު ލިބުން މީޑިއާތަކުގެ ތެރޭގައި އޭބީސީއާއި ބްރެއިޓްބާޓްއާއި ރޮއިޓާސް ހިމެނެއެވެ.
ބައެއް މީޑިއާ ތަކަށް ފުރުސަތު ނުދެއްވީ ކީއްވެތޯ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސީން ސްޕައިސާ ވިދާޅުވެފައި ވަނީ އެއީ "ރިޕޯޓަރުންގެ ޕޫލް ފުޅާ ކުރުމަށް ނިންމި ނިންމުމެއް" ކަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ ދޮގު ހަބަރު ފަތުރާ ފަރާތްތައް ފަހަތަށް ޖެއްސުމަށް ވައިޓްހައުސް އިން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.