ދުނިޔެ

ބިދޭސީ ނޫސްވެރިންނަށް ޖަރުމަނުން ޖާސޫސްކުރިކަން ފަޅާ އަރައިފި

ދުނިޔޭގެ އެކި ގައުމުތަކުގެ ގިނަ ނޫސްވެެރިންނަށް ޖަރުމަނު ސަރުކާރުން ޖާސޫސްކުރިކަން ފަޅާ އަރައިފި އެވެ.

ޖަރުމަނުގެ މަޝްހޫރު އޮންލައިން ނޫސް ސްޕީގުލް އިން ބުނީ އެ ގައުމުގެ ފޮރިން އިންޓެލިޖެންސް އެޖެންސީ (ބީޑީއެން) އިން ގިނަ ނޫސްވެރިންތަކެއްގެ ފޯން ކޯލްތައް އަޑު އަހައި ރެކޯޑްކޮށް، އީމެއިލްތައް ވެސް ކިޔާފައިވާކަން ހާމަވާ ލިޔެކިއުންތަކެއް އެ ނޫހަށް ލިބިފައިވާ ކަމަށެވެ.

ލިއުންތަކާ ހަވާލާދީ ނޫހުން ބުނީ ޖަރުމަނުން ޖާސޫސްކުރި ބޭރުގެ ނޫސްވެރިންގެ ތެރޭގައި ބީބީސީއާއި ރޮއިޓާސްއާއި ނިއުޔޯކް ޓައިމްސްގެ ނޫސްވެރިން ހިމެނޭ ކަމަށެވެ.

ބީޑީއެން އިން އިން 2006 ވަނަ އަހަރުން ފެށިގެން އެތައް އަހަރެއް ވަންދެން ޖާސޫސްކޮށްފައި ވަނީ ހަމަ އެކަނި ބައިނަލް އަގުވާމީ ނޫސް އެޖެންސީތަކުގެ ނޫސްވެރިންނާ ދެކޮޅަށް ނޫން ކަމަށް ވެއެވެ. ސްޕީގުލްގެ ރިޕޯޓްގައި ބުނެފައިވަނީ އެ އިދާރާއިން ފޯންކޯލްތައް އަޑު އެހި ލިސްޓްގައި ޒިމްބާބްވޭ، ކުވައިތު، ލުބުނާނު އަދި އިންޑިއާގެ ނޫސްވެރިން ވެސް ހިމެނޭ ކަމަށެވެ. އަދި އިންޑޮނޭޝިއާއާއި ނޭޕާލުގެ ނޫސްވެރިންގެ ޖަމިއްޔާތަކުގެ ފޯނު ނަމްބަރުތައް ވެސް އެލިސްޓްގައި ހިމެނެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ނޫސްވެރިންނާނަށް ޖަރުމަނުން ޖާސޫސްކުރިކަން ހާމަވެފައި މިވަނީ ޖަރުމަނާ ދެކޮޅަށް އެމެރިކާއިން ޖާސޫސްކުރިކަމަށް ބުނާ މައްސަލައެއް އެގައުމުގެ ޕާލަމެންޓުން ތަހުގީގުކޮށް ނިންމަން ތައްުޔާރުވެފައި ވަނިކޮށެވެ.

ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ޖަމިއްޔާގެ ޖަރުމަން ޗެޕްޓާ އިން ވަނީ ޖާސޫސް ކުރި މައްސަލައިގައި ބީޑީއެން އަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެޖަމާއަތުން ބުނެފައި ވަނީ އެ އަމަލަކީ "ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ނުރައްކާތެރި ހަމަލާއެއް" ކަމަށެވެ. އެ މައްސަލައިގައި ބީބީސީން ވެސް ވަނީ ކަންބޮވުން ފާޅުކޮށްފަ އެވެ.