ދުނިޔެ

ސްނޯޑަން އަށް ހިޔާވަހިކަން ދިން ރެފިއުޖީން ބިރުވެރިކަމެއްގައި!

Feb 25, 2017

އެމެރިކާ ސަރުކާރުގެ ސިއްރު ލިޔެކިއުންތަކެއް އާންމު ކޮށްލި އެޑްވާޑް ސްނޯޑަން އަށް 2013 ވަަނަ އަހަރު ހިމާޔަތްދީ އޭނާ ފޮރުވައިގެން ގެންގުޅުނު ސްރީލަންކާގެ ރެފިއުޖީ އާއިލާތައް މިހާރު ތިބީ ބިރުންނެވެ. އެމީހުން ބުނެފައިވާ ގޮތުގައި ބިރުވެރިކަން އުފެދުނީ ސްރީލަންކާގެ ފުލުހުން އެމީހުން ހޯދަން ހޮންކޮންއަށް ދިޔަކަން އެނގުމުންނެވެ.

"އަހަރެން މިހިރީ ވަރަށް ބިރުން. އެމީހުން އަހަރެން ހައްޔަރު ކޮށްފާނެ. މިހާރު އަހަރެންނަށް އާންމު ދިރިއުޅުމެއް ނޫޅެވޭ،" ސްނޯޑަން އަށް ހިޔާވަހިކަން ދިން ސުޕުން ކެއްލަޕަތާ ސީއެންއެން އަށް ބުނެފަައި ވެއެވެ.

އޭނާ ބުނެފައި ވަނީ މަގުތަކުގައި ހިނގައި ބިނގާވެ އުޅުމަކީ ވެސް ރައްކާތެރި ކަމެއް ކަމަށް އޭނާއަށް މިހާރު އިހުސާސް ނުކުރެވޭ ކަމަށެވެ. އަޖިތު ޕުސްޕާ ވެސް ބުނެފައި ވަނީ އޭނާ ވެސް ހުރީ ވަރަށް ބިރުން ކަމަށެވެ.

އެމެރިކާގެ ތާރީހުގައި ކުރި "ލިޔެކިއުމުގެ އެންމެ ބޮޑު ވައްކަން" ކުރުމަށް ފަހު ސްނޯޑަން ފިލަައިގެން އުޅުނު އިރު އޭނާއަށް ހިޔާވަހިކަން ދިން ތިން އާއިލާއަކީ ވެސް ހިމާޔަތަށް އެދި ، ރެފިއުޖީންގެ ގޮތުގަިއ ހޮންކޮން އަށް ގޮސް ތިބި ތިން އާއިލާ އެވެ. އެއީ ސްރީލަންކާގެ ރައްޔިތުން ކަމަށްވާ އުމުރުން 32 އަހަރުގެ ސުޕުން ތިލިނާ ކެއްލަޕަތާގެ އާއިލާ އާއި އުމުރުން 45 އަހަރުގެ އަޖިތު ޕުސްޕާގެ އާއިލާއާއި ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ އުމުރުން 45 އަހަރުގެ ވެނެއްސާ ރޮޑޭލްގެ އާއިލާ އެވެ.

ހޮންކޮންގައި ހުންނަ ސްނޯޑަންގެ ވަކީލު ރޮބަޓް ޓީބޯ ބުނެފައި ވަނީ ސްރީލަންކާގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ މެމްބަރުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހާއި ޑިސެމްބަރު މަހު ހޮންކޮން އަށް ޒިޔާރާތް ކުރި ކަން އެނގިފައިވާ ކަމަށެވެ. ޓީބޯއަކީ ސްނޯޑަން އަށް ހިޔާވަހިކަން ދިން ރެފިއުޖީ އާއިލާތަކުގެ ވެސް ވަކީލެވެ. އޭނާ ބުނެފައި ވަނީ ސްރީލަންކާގެ ސީއައިޑީ މެމްބަރުން ހޮންކޮން އަށް ކުރި ދެވަނަ ދަތުރުގައި އާއިލާތައް ހޯދަން ފިޔަވަޅުތަކެއް ވެސް އެޅި ކަމަށެވެ. އެގޮތުން ހޮންކޮންގައި އުޅޭ ސްރީލަންކާ މީހުންނާ ސުވާލުކޮށް، ފޮޓޯ ދައްކައި ހަދާފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.


ޓީބޯ ބުނެފައި ވަނީ އެ މައުލޫމާތު ލިބުމުން އާއިލާތައް ރައްކާތެރި ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ރެޖިއުޖީ އާއިލާތަކަށް ރައްކާތެރިކަން ދިނުމަށް ހޮންކޮންގެ އިދާރާތަކަށް އޭނާ ވަނީ ގޮވާލާފައެވެ.

އެކަމާ ގުޅޭ ގޮތުން ހޮންކޮން ފުލުހުންގެ ޕަބްލިލް ރިލޭޝަންސް ބްރާންޗުން ބުނެފައި ވަނީ ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް އިހުސާސްކުރެވޭ ނަމަ ހިމާޔަތަށް އެދެން ޖެހޭނީ އެގޮތަށް އިހުސާސްވީ މީހަކު ކަމަށެވެ.

އެކަމާ ބެހޭ ގޮތުން ސްރީލަންކާ ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

ސްނޯޑަން އަށް އެ މީހުން ހިމާޔަތް ދިންކަން މިދިޔަ އަހަރާ ހަމައަށް އޮތީ ސިއްރުވެފައެވެ. މީޑިއާގެ ކުރިމައްޗަށް ނުކުމެ އެމީހުން މިދިޔަ އަހަރު އެކަން ހާމަކުރީ ސްނޯޑަން ލިޔެކިއުންތައް ހިފައިގެން ފިލި ހާދިސާގެ މައްޗަށް އޮލިވާ ސްޓޯން ހެދި ފިލްމު "ސްނޯޑެން" ދައްކަން ފެށުމުންނެވެ. -- ސީއެންއެން