ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލް ޢަޒީޒު އަލް ސަޢުދު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅު މިއަދު ފަށްޓަވައިފި އެވެ. ރަސްގެފާނު ސަލްމާންގެ މިއަދު ފެއްޓެވި ދަތުރުފުޅުގައި އެއް މަސް ދުވަސް ހޭދަކުރައްވާނެ ކަމަށް ސައުދީ ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.
ސައުދީ ރަސްގެފާނުގެ ދަތުރުފުޅުފައި މިއަދު ވަޑައިގެންނެވީ މެލޭޝިއާއަށެވެ. މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރުން އޭނާއަށް މަރުހަބާ ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ޢަބުދުއް ރައްޒާޤާއި އެގައުމުގެ ބައެއް އެހެން ވަޒީރުންނެވެ.
ސައުދީ ރަސްގެފާނުގެ މި ދަތުރުފުޅަކީ ގިނައިން ތެޔޮ އިމްޕޯޓް ކުރާ ގައުމުތަކަކަށް މިހާރު ވެފައިވާ އޭޝިއާގެ ގައުމުތަކާއި އެކު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމާއި އެގައުމުގެ ދައުަލަތުގެ މައި ކުންފުނި އާރަމްކޯގެ ހިއްސާ ފުރަތަމަ ފަހަރަށް އެހެން ބަޔަކަށް ވިއްކަން ފެށުމަށް ޓަކައި އެގައުމުތަކާއި މަޝްވަރާ ކުރެއްވުމަށާއި ޗުއްޓީ ހޭދަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރޭގައި ރަސްގެފާނު ރާއްޖެއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.