ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީނަށްޓަކައި ކުރާ ހުރިހާ މަސައްކަތެއްގެ ފަހަތުގައި ސައުދީ އަރަބިއްޔާ އޮންނާނެ ކަމަށް އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދު ވިދާޅުވެއްޖެ އެވެ.
އޭޝިއާގެ ގައުމުތަކަށް ކުރައްވާ އެއް މަސްދުވަހުގެ ދަތުރުފުޅެއްގައި މިހާރު ވަޑައިގެން މެލޭޝިއާގައި ހުންނެވި ސަލްމާންގެ ޝަރަފުގައި މެލޭޝިއާގެ ރަސްގެފާނު މުޙައްމަދު ފަސް ވަނަ ބޭއްވެވި ޖާފަތެއްގައި ވާހަކަފުޅު ދައްކަވަމުން ސަލްމާން ވިދާޅުވީ މުސްލިމުންނަށް ޓަކައި މެލޭޝިއާއިން ކުރާ ހުރިހާ މަސައްކަތަކަށް ސައުދީން އެއްބާރުލުން ދޭނެ ކަމަށެވެ.
"އާއްމުކޮށް ހުރިހާ އިސްލާމީ މަސައްކަތެއްގެ ފަހަތުގައި ސައުދީ އަރަބިއްޔާގެ ރަސްކަން އެ ރަސްކަމުގެ ހައިބަތާއެކު އޮންނާނެ ކަން އަހަރެން ކަށަވަރުކޮށްދެން. އަދި މުސްލިމުންނަށް ފައިދާވާ ގޮތަށް ތިޔަ އުޚުއްވަތްތެރި ގައުމުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދީ އެހީތެރިވުމަށް އަހަރެމެން މިތިބީ ތައްޔާރަށް،" ރަސްގެފާނު ސަލްމާން ވިދާޅުވި ކަމަށް އަލް އަރަބިއްޔާ ނޫހުން ބުންޏެވެ.
ސައުދީ ރަސްގެފާނުގެ މެލޭޝިއާއަށް ވަޑައިގެންނެވީ އިއްޔެ ހެނދުނު އެވެ. މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރުން ރަސްގެފާނަށް މަރުހަބާ ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ޢަބުދުއް ރައްޒާޤާއި އެގައުމުގެ ބައެއް އެހެން ވަޒީރުންނެވެ.
ސައުދީ ރަސްގެފާނުގެ މި ދަތުރުފުޅަކީ ގިނައިން ތެޔޮ އިމްޕޯޓް ކުރާ ގައުމުތަކަކަށް މިހާރު ވެފައިވާ އޭޝިއާގެ ގައުމުތަކާއި އެކު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމާއި އެގައުމުގެ ދައުަލަތުގެ މައި ކުންފުނި އާރަމްކޯގެ ހިއްސާ ފުރަތަމަ ފަހަރަށް އެހެން ބަޔަކަށް ވިއްކަން ފެށުމަށް ޓަކައި އެގައުމުތަކާއި މަޝްވަރާ ކުރެއްވުމަށާއި ޗުއްޓީ ހޭދަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ދަތުރުފުޅުގައި ރަސްގެފާނު ދެން ވަޑައިގަންނަވާނީ އިންޑޮނޭޝިއާއަށެވެ. އަދި އޭގެ ފަހުން ޖަޕާނަށާއި ޗައިނާއަށް ވެސް ވަޑައިގަންނަވާނެ އެވެ.
މި ދަތުރުފުޅުގެ ތެރޭގައި ރަސްގެފާނު ރާއްޖެއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.