ދުނިޔެ

ހަތް ހަފްތާ ތެރޭ އެމެރިކާގެ ހަތަރު މިސްކިތެއްގައި ހުޅުޖަހައިފި

އެމެރިކާގައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގައި ވޭތުވެދިޔަ ހަތް ހަފުތާ ތެރޭ ހަތަރު މިސްކިތެއްގައި ވަނީ ހުޅުޖަހައިފި އެވެ.

ޓެކްސަސް ގައި ހަދަމުން އަންނަ "އިސްލާމިކް ސެންޓާ އޮފް ލޭކް ޓްރެވިސް" ގައި މިދިއަ ޖެނުއަރީ މަހު ވަނީ އަލިފާން ރޯކޮށްލި އިރު އޭގެ ހަފްތާ އެއް ފަހުން ވޮޝިންޓަން ގައި ހުންނަ މިސްކިތެއް ކަމައްވާ "އިސްލާމިކް ސެންޓާ އޮފް އީސްޓް ސައިޑް" ގައި ވަނީ އަލިފާން ރޯކޮށްލާފަ އެވެ. އެ މައްސަލައިގައި ހައްޔަރުކުރި އިސާކް ވޭން ވިލްސަން ވަނީ މި ޖަރީމާ ހިންގި ކަމައް އިއުތިރާފުވެސް ވެފައެވެ.

ޓްރަމްޕްގެ ވެރިކަމޔގައި އިސްލާމީ ބޮޑު ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރުމުގެ ހަތަރު ގަޑި އިރު ފަހުން ޓެކްސަސް ގައި ހުންނަ 16 އަހަރުވީ "އިސްލާމިކް ސެންޓާ އޮފް ވިކްޓޯރިއާ" ގައި ޖެނުވަރީ 27 ގެ ދަންވަރު ވަގުތެއްގައި އަލިފާން ރޯކޮއްލުމުގެ ސަބަބުން 500،000 ޑޮލަރުގެ ގެއްލުން ލިބިފައި ވާކަމަށް އެ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނަ ޑރ. ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިދިޔަމަހު 24 ގައި ފްލޮރިޑާ ގައި ހުންނަ ދާރުއް ސަލާމް މިސްކިތުގައި ވަނީ އަލިފާން ރޯކޮށް ލާފަ އެވެ. މިއީ މި ސަރަހައްދުގައި އަލިފާން ރޯކޮށް ލާފައިވާ ތިންވަނަ މިސްކިތެވެ.

އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ހޮވުމަށް ފަހު އެ ގައުމުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ދުވަހުން ދުވަހައް ދަނީ އިތުރުވަމުންނެވެ.