ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދު އިންޑޮނީޝިއާއަށް އިއްޔެ ވަޑައިގެންނެވީ ތަފާތު ދެ ދަތުރުފުޅެއްގަ އެވެ. އެއީ އެގައުމުގެ އިސް ވެރިންނާ ބައްދަލު ކުރައްވަން ކުރައްވާ ރަސްމީ ދަތުރުފުޅާއި މަޝްހޫރު ރިސޯޓެއް ކަމަށްވާ ބާލީއަށް ކުރައްވާ ޗުއްޓީ ދަތުރުފުޅެކެވެ.
ވަޒީރުންނާއި އަރިހު ބޭފުޅުންނާއި އެކު 600 އޮފިޝަލުންގެ އިތުރުން ހާހެއްހާ މުވައްޒަފުން ރަސްގެފާނުގެ ދަތުރުފުޅުގައި ބައިވެރިވެއެވެ. އެ ބޭފުޅުންގެ ފޮށިތަންމަތީގެ ބުރަދަން ގާތްގަނޑަކަށް 500 ޓަނަށް އަރާ ކަމަށް އިންޑޮނޭޝިއާގެ ނޫސްތަކުން ބުނެއެވެ. ރަސްގެފާނަށް ޓަކައި އިންޑޮނޭޝިއާއަށް ގެންދިޔަ ތަކެތީގެ ތެރޭގައި ހިމެނެނީ ހަމަ އެކަނި އަގު ބޮޑު ކާރުތަކާއި ރަސްގެފާނަށް ހާއްސަ ކަރަންޓް ސިޑިތައް އެކަންޏެއް ނޫނެވެ.
އެސޯސިއޭޝަން އޮފް އިންޑޮނޭޝިއާ ޓްއާސްގެ ޗެއާމަން އައިކެޓޫޓް އަރުދަނާއާ ހަވާލާދީ އެ ގައުމުގެ އޮންލައިން ނޫސް ކޮމްޕަސް އިން ބުނީ ރަސްގެފާނު ސަލްމާނުގެ 1.2 މިލިޔަން ޑޮލަރަށް ވުރެ އަގުބޮޑު ސޯފާ ސެޓާއި އެ ރަސްގެފާނު ގެންގުޅުއްވާ 80 އިންޗީގެ ޓީވީ ވެސް ބާލީއަށް ގެންގޮސްފައިވާ ކަމަށެވެ.
ރަސްގެފާނުގެ ފޮށި ތަންމަތި ބާލީއަށް ގެންދިއުމަށް ސައުދީ ސަރުކާރުން ވަނީ 45 ޓްރަކް ކުއްޔަށް ހިފާފައެވެ. އިންޑޮނީޝިއާގެ ކަސްޓަމްސްގެ އިސް އޮފިޝަލަކާ ހަވާލާދީ ނޫހުން ބުނީ ރަސްގެފާނަށް ހާއްސަ ތަކެތި ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އިންޑޮނޭޝިއާއަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސޯފާއާއި ބައެއް ކާބޯތަކެތި ހިމެނެއެވެ.
ސަލްމާން ރަސްގެފާނުގެ ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ރަސްކަލަކު 47 އަހަރު ތެރޭގައި އިންޑޮނޭޝިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން އިންޑޮނޭޝިއާއަށް ވަަޑައިގެންނެވި ސައުދީ ވެރިޔަކީ ރަސްގެފާނު ފައިސަލް ބިން އަބުދުލް އަޒީޒެވެ.
އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއަށް ސަލްމާން އިއްޔެ ވަޑައިގެންނެވުމުން އޭނާއަށް މަރުހަބާ ވިދާޅުވީ އެގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ އެވެ.
ރަސްގެފާނު ސަލްމާން އޭޝިއާގެ ގައުމުތަކަށް ކުރައްވާ އެއް މަސްދުވަހުގެ ދަުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ މެލޭޝިއާއަށެވެ. އެ ދަތުރުފުޅުގައި ޗައިނާއަށާއި ޖަޕާނާއި ބުރޫނާއީއަށް ވެސް ވަޑައިގަންނަވާނެ އެވެ. ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގަންނަވާނީ ރާއްޖެއަށެެވެ.