އެމެރިކާ އާއި ދުނިޔެއިން ވެސް ބޮޑު ދެކޮޅުވެރިކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާފައިވާ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށް ތާއީދު ކުރާ މީހުން އިއްޔެ އެ ގައުމުގައި މުޒާހަރާތައް އިންތިޒާމް ކުރިއެވެ. ޓްރަމްޕަށް ތާއީދު ކުރާ ދެ ގްރޫޕަކުން އެކަން އިންތިޒާމް ކުރީ ތާއީދު އޮތް ވަރު ދައްކަން ނުކުތުމަށް ސޯޝަލް މީޑިއާ ޓްވިޓާގައި ޓްރަޕް ގޮވައިލެއްވުމުންނެވެ.
ޓީޕާޓީ ގްރޫޕަކާއި އެއްޖިއްސުން ގުޅުން ހިންގާ މީހުންގެ ގްރޫޕަކުން އިންތިޒާމް ކުރި މުޒާހަރާއަށް ނިއުޔޯކުން ނުކުތީ 100 ވަރަކަށް މީހުން ކަމަށް ދަ ގާޑިއަން ނޫހުން ބުންޏެވެ. އެ ނޫހުން ބުނީ އެމީސްކޮޅާ ކުރިމަތިލުމަށް ޓްރަމްޕާ ދެކޮޅު 30 އަކަށް މީހުން ވެސް ނުކުތް ކަމަށެވެ. ޓްރަމްޕާ އެއްކޮޅަށް ނުކުމެ ތިބި މީހުން ބުނެފައި ވަނީ މީހުން މަދުވީ ފިނި ގަދަވީމާ ކަމަށެވެ.
"އަހަރެން ހީކުރީ މިއަށްވުރެ ތަންކޮޅެއް ގިނަ މީހުން ތިބޭނެ ކަމަށް. އެކަމަކު ތަންކޮޅެއް ފިނި ގަދަ. އަނެއްކާ މިކަން އެހާ ރަނގަޅަށް އިސްތިހާރު ކުރެވިފައެއް ވެސް ނެތް. އަހަރެންނަށް ވެސް އެނގުނީ އިްޔެ،" ޓްރަމްޕަށް އޮތް ތާއީދު ދެއްކުމަށް ނުކުމެ ހުރި ލޭންސް ލަވްޖޯއީ ދަ ގާޑިއަން އަށް ބުނެފައި ވެއެވެ.
ނިއުޔޯކްގެ ފިފްތު އެވެނިއުގައިވާ ޓްރަޕް ޓަވަރުގެ ކައިރިއަށް އޭނާގެ ސަޕޯޓަރުން އެއްވި އިރު އިއްޔެ އެރަށުގެ ފިނިހޫނުމިން ހުރީ މައިނަސް ތިން ޑިގްރީ ސެލްސިއަސްގައެވެ. ޓްރަޕްގެ މޫނާ އެއްގޮތަށް ހަދާފައިވާ މާސްކް އަޅައިގެން އެއް ބަޔަކު ތިބި އިރު އަނެއް ބަޔަކު ތިބީ އޭނާއަށް ތާއީދުކުރާކަން ހާމަކުރާ ލިއުންތައް ހިފައިގެންނެވެ. އެމީހުން ގެންގުޅުނު އެއް ފޮތިގަނޑުގައި ލިޔެފައި ވަނީ " ޓްރަމްޕަށް ހަމަލާ ދިނުން ހުއްޓާލާ. އާނ ތިޔައީ ރައީސް. ހަތަރު އަހަރަކަށް ނޫން . އަށް އަހަރަށް،" މިހެންނެވެ.
މުޒާހަރާއަށް ގޮސް ހުރި އެކަކީ ލޯންގް އައިލެންޑްގެ ފާމިންވިލީގައި ދިރިއުޅޭ މިޝޭލް މިޓްޝެލްއެވެ. އޭނާ ހުރީ ޓްރަމްޕްގެ ނަންފުޅުގައި އޮންނަ އިނގިރޭސި އަކުރު "ޓީ" ހިފައިގެންނެވެ. އޭނާއަށް ޖެހިގެން ހުރި ދެމީހުން ޔޫއާއި އެމް ހިފައިގެން ތިބި އިރު އެމް ހިފައިގެން ހުރި މީހާ ވަނީ އެތަން ދޫކޮށް ގޮސްފައެވެ. އެހެންވެ ޓްރަމްޕްގެ ނަންފުޅު ފުރިހަމަ ކުރެވޭ ގޮތް އޮތީ ނުވެފައެވެ.
" އަހަރެންނަށް ހީވަނީ ވަރަށް ގިނަ މީހުން ތިބީ ނުކުންނަން ބިރުން ހެން. އެމީހުންނަށް ފެނޭ އެއްކޮޅަށް ނުކުންނަ މީހުންނަށް ދެކޮޅު މީހުން ގޯނާ ކުރާތަން،" މިޓްޝެލް ދަ ގާޑިއަން ނޫހަށް ބުނެފައި ވެއެވެ.
ޓްރަމްޕްގެ ސަޕޯޓަރުންނާ ކުރިމަތިލުމަށް 30 އަކަށް މީހުން ނުކުތީ މެންދުރުން އަނބުރައިލިތަނާއެވެ. އެމީހުން އައީ ދުންމާރި ފުންމަމުން " އެމެރިކާ، އެމެރިކާ" ގޮވަމުންނެވެ. އެއާ އެކު ޓްރަޕްގެ ސަޕޯޓަރުން ގޮވަން ފެށީ ޓްރަޕްގެ ނަންފުޅެވެ.
ޓްރަމްޕާ އެއްކޮޅު މުޒާހަރާތައް އެމެރިކާގެ 60 ސިޓީއެއްގައި ހޮނިހިރު ދުވަހު ބޭއްވުމަށް އޭނާއަށް ތާއީދުކުރާ ގްރޫޕްތަކުން މަސައްކަތް ކުރިއެވެ. ނަމަވެސް ނުކުންނާނެ މާ ގިނަ ބަޔަކު ނުވުމުން އެކަމުގެ ސަބަބުން ކާމިޔާބު ލިބުނީ ޓްރަމްޕާ އިދިކޮޅު މީހުންނަށެވެ.