ދުނިޔެ

އިންޑިއާގައި ސިހުރު ހެދުމަށް ކުޑަ ކުއްޖަކު މަރާލައިފި

ވާގި ނެތިފައި އޮތް މީހަކު ރަނގަޅު ކުރަން ވެގެން ސިހުރުވެރިއަކު ބުނި "ގުރުބާނީއަކަށް" އިންޑިއާ ބަޔަކު ކުޑަ އަންހެން ކުއްޖަކު މަރާލައިފި އެވެ.

މަރާލާފައިވާ އުމުރުން 10 އަހަރުގެ އަންހެންކުއްޖާގެ ހަށިގަނޑު އިއްޔެ ފެނުނީ އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ވެރިރަށް ބެންގަލޫރުގެ ރަށްބޭރުގައިވާ ހޮސަހައްލީ ނަމަކަށް ކިޔާ ސަރަހައްދުން ކަމަށް އިންޑިއާ ފުލުހުންނާ ހަވާލާދީ ދަ ހިންދޫ ނޫހުން ބުންޏެވެ. ކަރު ބުރި ކޮށްލައިގެން އެކުއްޖާ މަރާލިކަމުގެ ތުހުމަތަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެކުއްޖާގެ ބަފައިފުށުގެ ބޮޑުބޭބެ އަކު ވެސް ހިމެނެއެވެ.

ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ އެކުއްޖާ ގެއްލިގެން ހޯދަން ބެންގަލޫރުގެ ރާމްނަގަރަމް ޑިސްޓްރިކްޓްގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެކަން ތަހުގީގު ކުރުމަށް ފަހު ހައްޔަރުކޮށްފައި ވަނީ އެ ސަރަހައްދުގެ މިސްކިތެއްގެ ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރާ އުމުރުން 42 އަހަރުގެ މުޙައްމަދު ވާސިލް ނަމަކަށް ކިޔާ މީހަކާއި ސިހުރުވެރިއެއްކަމަށްވާ އުމުރުން 33 އަހަރުގެ ނަސީމް ތާޖްއާއި ރަޝީދުއް ނިސާ ނަމަކަށް ކިޔާ އުމުރުން 38 އަހަރުގެ މީހަކާއި ކުޑަކުއްޖެކެވެ.

ތަހުގީގުގައި ވާސިލް އެއްބަސްވެފައިވާ ގޮތުގައި އާއިޝާ ނަމަކަށް ކިޔާ ކުޑަ ކުއްޖާގެ ކަރުބުރިކޮށްލައިގެން އޭނާ މަރައިލީ އޭނާގެ ބޭބެ މުޙައްމަދު ރަފީގު ވާގިނެތިފައި ވަނީ ސިހުރު ޖެހިގެން ކަމަށާއި އެކަން ރަނގަޅު ކުރަން 40 ދުވަހުގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކު " ގުރުބާން ކުރަން ޖެހޭ " ކަމަށް ނަސީމު ތާޖު އޭނާ ގާތު ބުނުމުންނެވެ. އާއިޝާ މަރައިލީ ހޮސަހައްލީ މަގުގައިވާ މަގުބަރާއެއްގައި ސިހުރުގެ ކިޔެވެއްޔެއް ކިޔެވުމަށް ފަހު ކަމަށް ވެސް އޭނާ ވަނީ އެއްބަސްވެފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އާއިޝާ ކިޑްނެޕްކޮށް އޭނާގެ އަނގައަށް ފޮތި ޖަހައި ބަންދުކޮށްގެން ގެންދިޔައީ މާޗްމަހުގެ ފުރަތަމަ ދުވަހުއެވެ. އާއިޝާ ކިޑްނެޕްކޮށްގެން ގެނެސްދިނީ އޭނާއާއި އެކު އޭނާގެ ބައްޕަގެ ފިހާރައަށް ދިޔަ ކުޑަ ފިރިހެން ކުއްޖަކު ކަމަށް ވެސް ތަހުގީގަށް ވަނީ އެނގިފައެވެ. އެ މައްސަލައިގެ ތަހުގީގުގައި ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ވެސް އެ ފިރިހެން ކުއްޖާއެވެ.

ކަރުބުރިކޮށްލައިގެން އާއިޝާ މަރައިލުމަށް ފަހު އޭނާގެ ހަށިގަނޑު ގޯންޏަކަށް ލައިގެން ގެންގޮސް އެއްލާލާފައި އޮތީ މަގުބަރާއާއި ދާދި ކައިރީގައެވެ. އާއިޝާ ގެއްލިގެން ހޯދަން އާއިލާއިން ނުކުތުމުން ވާސިލް އެހީވެސް ވިއެވެ. އަދި އެކުއްޖާ ގެއްލުނު ކަން ފުލުހުންނަށް ރިޕޯޓްކުރުމާއި މިސްކިތުގައި އެކަން އިއުލާން ކުރުމުގައި ވެސް އޭނާ ބައިވެރިވިއެވެ.

އާއިޝާ މަރައިލުމުގެ ކުށުގައި ވާސިލް ހައްޔަރު ކުރުމުން އޭނާ ދެކެ ރުޅިއަރައިގެންފައިވާ އަވަށްޓެރިން ވަނީ އޭނާގެ ގެއަށް ހަމަލާދީ ތަކެއްޗަށް ގެއްލުންދީފައެެވެ. އަދި އޭނާއަށް އަދަބު ދިނުމަށް ގޮވާލައި އެމީހުން ވަނީ މުޒާހަރާކޮށްފައެެވެ.