ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަން އުޅުނު އިންޑިއާގެ މަސްވެރިން ތަކަކަށް ލަންކާ ސިފައިން ބަޑިން ހަމަލާދީ އެކަކު މަރާލައި އިތުރު ބައެއް މީހުން ޒަހަމްކޮށްލައިފިއެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ ލަންކާ ސިފައިން އިންޑިއާގެ މަސްވެރިންނަށް ހަމަލާ ދިނީ ހޯމަދުވަހުގެރޭ ކަމަށާއި އެހާދިސާގައި މަރުވީ ޓެމިލްނާޑޫ ސްޓޭޓްގެ ރަމޭސްވަރަމް ނަމަކަށް ކިޔާ ސަރަހައްުދުގެ މަސްވެރިއެއް ކަމަށެވެ.
ލަންކާގެ ކަނޑު ސަރަހައްދަށް ވަދެ ތިބި ކަމަށް ތުހުމަތުކޮށް ލަންކާ ސިފައިން އިންޑިއާގެ މަސްވެރިންނަށް ހަމަލާ ދިނުމުން އެމީހުން ދިފާއުކޮށްދިނުމަށް އެދި އިންޑިއާގެ ކޯސްޓްގާޑަށް އެކަން އެންގިއެވެ. ނަމަވެސް އިންޑިއާގެ ކޯސްޓްގާޑަށް އެ ސަރަހައްދަށް ދެވުނުލެއް ލަސްކަމުން މަސްވެރިން އެނބުރި އިންޑިއާއަށް އައީ އަމިއްލައަށެވެ.
މަސްވެރިޔަކު މަރާލައި އިތުރު ބަޔަކު ޒަހަމްކޮށްލި ހާދިސާއާ ގުޅިގެން ރަމޭސްވަރަމްގެ ރައްޔިތުން ވަނީ އިންޑިއާގެ މަޒުކަޒީ ސަރުކާރަށާއި ސްރީލަންކާ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފައެވެ. އެމީހުން އިންޑިއާ ސަރުކާރަށް ގޮވާލާފައި ވަނީ ހާދިސާ ހިނގި ގޮތުގެ ތަފުސީލު އޮޅުން ފިލުވައިދިނުމަށާއި އެފަދަ ހާދިސާތައް ހިނގުން ހުއްޓުވަން ލަންކާ ސަރުކާރާ ވާހަކަ ދެއްކުމަށެވެ.
މަރުވި މީހާގެ ހަށިގަނޑާ ހަވާލުވުމަށް އޭނާގެ އާއިލާއިން ވަނީ ދެކޮޅު ހަދާފައެވެ.
ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަންނަ އިންޑިއާގެ މަސްވެރިން ލަންކާއިން ހައްޔަރުކުރަމުންދާއިރު އިންޑިއާގެ ސަރަހައްދަށް ވަންނަ ލަންކާ މަސްވެރިން އިންޑިއާއިން ވެސް ދަނީ ހައްޔަރުކުރަމުންނެވެ. ނަމަވެސް ދެގައުމުން މަސްވަރާކޮށްގެން ގިނަ މަސްވެރިން ފަހުން ދޫކޮށްލާފައި ވެއެވެ.