ދުނިޔެ

އިންޑިއާގެ މަސްވެރިންނަށް ހަމަލާއެއް ނުދެން: ލަންކާ

Mar 8, 2017

އިންޑިއާގެ މަސްވެރިންގެ ބަޔަކަށް ބަޑިން ހަމަލާދީ އޭގެ ތެރެއިން އެކަކު މަރައިލި ހާދިސާގައި ސްރީލަންކާގެ ކަނޑުގެ ސިފައިންގެ ބައިވެރިވުމެއް ނެތް ކަމަށް އެ ގައުމުން ބުނެފި އެވެ.

ލަންކާ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާ މަސްވެރިންނަށް ހަމަލާ ދިނީ ލަންކާ ސިފައިން ނޫންކަން ތަހުގީގުން އެނގިފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށްގެން އިންޑިއާގެ މަސްވެރިންގެ ކަންތައްތައް ހަމަޖެއްސުމަށް ކަމާބެހޭ އެންމެހާ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަން ލަންކާ ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ. ބަޑި ޖެހުމުގެ ހާދިސާ ހިންގީ ކޮންމެ ބަޔަކަށް ވިޔަސް އެއީ ލަންކާ ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. އަދި އިންޑިއާގެ އިދާރާތަކާ ގުޅިގެން އެކަން ތަހުގީގު ކުރަން ކުރެވެން އޮތް ހުރިހާ ކަމެެއް ކުރާނެ ކަމަށް ވެސް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

ސްރީލަންކާގައި ހުންނަ އިންޑިއާ ސަފީރުގެ ފަރާތުން ސަންޑޭ ޓައިމްސްއާ ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވެފައި ވަނީ ލަންކާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިންޑިއާ ސަފީރާ ބައްދަލު ކުރައްވާ އެ ހާދިސސާއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

"އެހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން ދެކެވޭ ވާހަކައިގައި އެއްްވެސް ތެދެއް ވާނަމަ އެކަން ބެލުމަށް ވަކިފަރާތަކަށް ނުޖެހި ތަހުގީގު ކުރާނެ ކަމަށް އޭނާ ވިދާޅުވި،" ރަނިލް ވިކްރަމަ ސިންހަ ދެއްކެވި ވާހަކަފުޅާ ބެހޭ ގޮތުން އިންޑިއާ ސަފީރުގެ ތަރުޖަމާނު ވިދާޅުވެފައި ވެއެވެ.

އިންޑިއާގެ ޓެމިލްނާޑޫގެ މަސްވެރިންނަށް ބަޔަކަށް ބަޑިން ހަމަލާދީ އެކަކު މަރައިލި ހާދިސާއާ ގުޅިގެން ޓެމިލްނާޑޫގެ މަސްވެރި އާއިލާތަކުން އިއްޔެވެސް ވަނީ ބޮޑު މުޒާހަރާއެއް ބާއްވާފަ އެވެ. ރާމޭސްވަަރަމް ނަމަކަށްް ކިޔާ އަވަށުގެ އެ މަސްވެރިޔާގެ ހަށިގަނޑާ ހަވާލުވާން ވެސް އާއިލާއިން ވަނީ ދެކޮޅު ހަދާފަ އެވެ.

ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަންނަ އިންޑިއާގެ މަސްވެރިން ލަންކާއިން ހައްޔަރު ކުރަމުންދާއިރު އިންޑިއާގެ ސަރަހައްދަށް ވަންނަ ލަންކާ މަސްވެރިން އިންޑިއާއިން ވެސް ދަނީ ހައްޔަރު ކުރަމުންނެވެ. ނަމަވެސް ދެ ގައުމުން މަސްވަރާކޮށްގެން ގިނަ މަސްވެރިން ފަހުން ދޫކޮށްލާފައި ވެއެވެ.