ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލް ޢަޒީޒު އަލް ސަޢުދު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް ދޭން އުޅުނު ހަމަލާއެއް ހުއްޓުވައި އެކަން ރޭވި މީހުން ހައްޔަރުކޮށްފައިވާ ކަމަށް މެލޭޝިއާ ފުލުހުން ބުނެފި އެވެ.
ސައުދީ ޝާހީ ބޭފުޅުންނަށް ހަމަލާދޭން މަސައްކަތްކުރިކަމުގެ ތުހުމަތަށް މެލޭޝިއާގައި ހައްޔަރުކޮށްފައި ވަނީ ޔަމަނުގެ ތިން މީހަކާއި މެލޭޝިއާ މީހަކާއި އިންޑޮނޭޝިއާ މީހަކާއި އެހެން ގައުމެއްގެ މީހެކެވެ. ހަމަލާދޭން މަސައްކަތްކުރި މީހުންގެ ތެރެއިން ތިން މީހަކު ނިސްބަތްވާ ޔަމަނަކީ އެގައުމުގެ ޓެރަރިސްޓް ޖަމާއަތަކާ ދެކޮޅަށް ސައުދީ އިސްވެ އޮވެ ހަނގުރާމަ ކުރަމުން އަންނަ ގައުމެކެވެ. ސައުދީން ހަނގުރާމަ ކުރަމުން ދަނީ ޔަމަނުގެ ޝިޔައީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ހޫސީންނާ ދެކޮޅަށެވެ. ނަމަވެސް ރަސްގެފާނުގެ ވަފުދަށް ހަމަލާދޭން އުޅުމުގެ ތުހުމަތަށް ހައްޔަރުކުރި ޔަމަނު މީހުން ނިސްބަތްވަނީ ކޮން ޖަމާއަތަކަށް ކަމެއް މެލޭޝިއާއިން އަދި ހާމައެއް ނުކުރެއެވެ.
އެމީހުން ހައްޔަރުކޮށްފައިވަނީ ފެބުރުއަރީމަހުގެ 21 ވަނަ ދުވަހާއި 26 ވަނަ ދުވަހާ ދެމެދުން ދުވަހެއްގައި ކަމަށް މެލޭޝިއާ ފުލުހުންނާ ހަވާލާދީ ބީބީސީން ބުންޏެވެ.
އޭޝިއާގެ ގައުމުތަކަށް ކުރައްވާ އެއްމަސްދުވަހުގެ ދަތުރުފުޅެއްގައި ސަލްމާން ރަސްގެފާނު ފުރަތަމަ ވަޑައިގެންނެވީ މެލޭޝިއާއަށެވެ. އެއަށް ފަހު އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއަށާއި ބުރޫނާއީއަށް ވަޑައިގެންނެވުމަށް ފަހު މިހާރު ހުންނެވީ އިންޑޮނޭޝިއާގެ ބާލީގައެވެ. ބާލީންް ރަސްގެފާނު ފުރާވަޑައިގަންނަވާނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ދެން ވަޑައިގަންނަވާނީ ޗައިނާއަށާއި ޖަޕާނަށާއި ދިވެހިރާއްޖެއަށެވެ. ދަތުރުފުޅުގައި ރަސްގެފާނު އެންމެ ފަހުން ވަޑައިގަންނަވާނީ ރާއްޖެއަށެވެ.