ދުނިޔެ

މެލޭޝިއާގައި ތިބި އުތުރުކޮރެއާ މީހުން ފުރުން މަނާކޮށްފި

Mar 8, 2017

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބޭބެ ކިމް ޖޮން ނަމް މަރައިލި ހާދިސާއާ ގުޅިގެން އުފެދުނު އަރާރުމުގައި އުތުރުކޮރެއާގައި ތިބި މެލޭޝިއާ މީހުން ފުރުން މަނާކުރުމުން މެލޭޝިއާއިން އެކަމުގެ ބަދަލު ހިފައިފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު އިއްޔެ ވިދާޅުވެފައި ވަނީ އުުތުރުކޮރެއާގައި ތިބި މެލޭޝިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވަންދެން، އުތުރުކޮރެއާ މީހުން މެލޭޝިއާއިން ފުރުން މަނާކޮށްފައިވާ ކަމަށެވެ. އުތުރުކޮރެއާއިން މެލޭޝިއާމީހުން ފުރުން މަނާކުރި ކުރުން ނަޖީބު ސިފަކުރައްވާފައި ވަނީ " ރަހީނުކުރުން" ކަމަށެވެ.

މެލޭޝިއާ ރައްޔިތުން ފުރުން އުތުރުކޮރެއާއިން މަނާކުރި އިރު އެގައުމުގައި ތިބީ މެލޭޝިއާގެ 11 މީހުން ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އެ 11 މީހުންނަކީ އުތުރުކޮރެއާގައި ހުންނަ މެލޭޝިއާ އެމްބަސީގެ މުވައްޒަފުންނާއި އެމީހުންގެ އާއިލާގެ މެމްބަރުންނެވެ. މެލޭޝިއާގައި ތިބީ އުތުރުކޮރެއާގެ ކިތައް މީހުން ކަމެއް ދެގައުމުން ކުރެެ އެއްގައުމަކުން ވެސް އަދި ހާމައެއް ނުކުރެއެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރުގައި ހުއްޓައި ކިމް ޖޮން ނަމް މަރައިލި ހާދިސާ މެލޭޝިއާއިން ތަހުގީގު ކުރަން ފެށުމުން އުތުރުކޮރެއާއިން ވަނީ އެކަމާ ރުޅިއައިސްފައެވެ. މެލޭޝިއާއިން ކުރާ ތަހުގީގަށް އުތުރުކޮރެއާގެ ހަތް މީހަކު ހޯދަން އެގައުމުން ވަނީ އިއުލާންކޮށްފައެވެ.

ވިހަގަދަ ކެމިކަލެއް ކަމަށްވާ ވީއެކްސް ނާވް އޭޖެންޓް ބޭނުންކޮށްގެން ކިމް މަރާލާފައި ވަނީ ފެބްރުއަރީމަހުގެ 13 ވަނަ ދުވަހުއެވެ. ކިމްއަށް ހަމަލާދިން ކަމުގެ ތުހުމަތަށް މެލޭޝިއާއިން ހައްޔަރުކޮށްފައި ވަނީ އިންޑޮނޭޝިއާ އަންހެނަކާއި ވިއެޓްނާމް އަންހެނެކެވެ.

މެލޭޝިއާ އަކީ އުތުރުކޮރެއާއާ ޑިޕްލޮމެޓިކް ގުޅުން ބާއްވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ނަަމަވެސް ކިމް މަރައިލި ހާދިސާއާ ގުޅިގެން ދެގައުމުގެ ގުޅުން ވަނީ ގޯސްވެފައެވެ. -- ދަ ގާޑިއަން