ދުނިޔެ

އުފަން ނުވަނީސް މަރާލި 19 އަންހެން ކުއްޖެއްގެ ހަށިގަނޑު ހޯދައިފި

Mar 8, 2017

އުފަން ނުވަނީސް މަރާލާފައިވާ (އެބޯޓްކޮށްފައިވާ) 19 އަންހެން ކުއްޖެއްގެ ހަށިގަނޑު އިންޑިއާ ފުލުހުން ހޯދައިފި އެވެ.

އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގެ ސަންގްލީ ޑިސްޓްރިކްޓްގެ އަވަށެއްގެ ނަރުދަމާއެއްގެ ކައިރީގައި ވަޅުލާފައި ހުރި އެ ހަށިތައް ފުލުހުން ހޯދީ ބަނޑުގައިވާ އަންހެން ކުއްޖަކު މަރައިލުމަށް ކުރި މަސައްކަތެއްގައި އުމުރުން 26 އަހަރުގެ އަންހެނަކު މަރުވުމުން ކުރި ތަހުގީގެއްގައި ކަމަށް އެންޑީޓީވީން އިއްޔެ ބުންޏެވެ.

އެންޑީޓީވީގެ ހަބަރުގައި ބުނެފައި ވަނީ އާދީއްތަ ދުވަހު ފެނުނު ހަށިތައް ހުރީ ނޫކުލައިގެ ޕްލާސްޓިކް ކޮތަޅުގައި ބަންދުކޮށްފައި ކަމަށެވެ.

މަހާރާޝްތުރާގެ މާއިޝަލް ނަމަކަށް ކިޔާ އަވަށުގައި ބާބާސާހިބް ޚިންދުރަޕޫރީ ނަމަކަށް ކިޔާ ޑޮކްޓަރަކު ހިންގާ ކްލިނިކްގެ ކައިރިން ކުދި އަންހެންކުދިންތަކުގެ ހަށިތައް ފެނުމުން އޭނާ ހޯދަން ފުލުހުން ވަނީ މަސައްކަތް ފަށާފައެވެ. ބަނޑުގައިވާ ދަރިފުޅު މަރައިލަން އުޅެނިކޮށް އެ ކްލިނިކްގައި މަރުވި އަންހެންމީހާގެ ފިރިމީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އިންޑިއާ ފުލުހުން ތުހުމަތުކުރާ ގޮތުގައި މަރުވި އަންހެން މީހާ ދަރިފުޅު މަރައިލުމުގެ އޮޮޕަރޭޝަނަށް ގޮސްފައި ވަނީ ، ބަނޑުގައި އޮތީ އަންހެންކުއްޖެކަން އެނގިގެން ފިރިމީހާ މަޖުބޫރުކުރުމުންނެވެ.

" މިއީ ލަދުވެތި ހާދިސާއެއް. ތަހުގީގު ދަނީ ކުރިއަށް. އަހަރެން ސަންގްލީއަށް ދާނަން ބައްދަލުވުމެއް ބާއްވަން،" މަހާރާޝްތުރާގެ ސަރަހައްދީ ސަރުކާރުގެ މިނިސްޓާ ފޯ ވޮމެން އެންޑް ޗައިލްޑް ޑިވެލޮޕްމެންޓް ޕަންކަޖާ މުންޑޭ އެންޑީޓީވީއަށް ވިދާޅުވެފައި ވެއެވެ.

އަންހެން ދަރިން މެރުމުގެ ސަގާފަތެއް އޮންނަ އިންޑިއާގައި ބަނޑުގައިވާ ދަރިފުޅުގެ ޖިންސް ބުނެދިނުމަކީ ގާނޫނީ ކުށެކެވެ. އެގޮތުން ޖިންސް ބަލައިދޭ ޑޮކްޓަރުންނާއި އެކަމަށް އެދޭ މީހުންނަށް އެގައުމުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އާދެއެވެ. ނަމަވެސް ބަނޑުގައިވާ ދަރިންގެ ޖިންސު ބެލުމަކީ އެގައުމުގެ ރަށްފުށު ހިސާބުތަކުގައި އަދިވެސް އާއްމުކަމެކެވެ.

ސަންގްލީ ޑިސްޓްރިކްޓްގެ 2011 ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން އެ ސަރަހައްދުގައި އަންހެނުންގެ ނިސްބަތަކީ ހާހަކުން 867 އެވެ. އިންޑިއާގެ އެހެން ސަރަހައްދުތަކުގައި އެނިސްބަތް އުޅެނީ ހާހަކުން 940 ގައެވެ.