ވިޔަފާރި

އަހަރު ދެބައި ނުވަނީސް ފްރީޓްރޭޑް އެއްބަސްވުން ގާއިމުކުރަނީ

ޗައިނާ އާއި ރާއްޖޭން މަޝްވަރާކުރަމުން އަންނަ ފްރީ ޓްރޭޑް އެއްބަސްވުން (އެފްޓީއޭ) މިއަހަރު ދެބައި ނުވަނީސް ގާއިމްކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބަނޑޮސް މޯލްޑިވްސްގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ސައީދު ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެއްބަސްވުމާ ބެހޭ އެންމެ ފަހުގެ މަޝްވަރާތައް ކަމަށެވެ.

"... އަޅުގަނޑުމެން ހުންނާނެ އެޑްމިނިސްޓްރޭޓިވްލީ ކުރަން ޖެހޭނެ ބައެއް މަސައްކަތްތައް. އެކަންތައްތައް ދެގައުމުން ވެސް ބަލާނެ. ބަލާފައި ސޮއިކުރެވޭ ހިސާބަށް ދާން އަޅުގަނޑު މިލަފާކުރަނީ ގާތްގަނޑަކަށް މިއަހަރުގެ ފުރަތަމަ ހަމަސްދުވަސްތެރޭގައި،" މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެއްބަސްވުމުގައި މި އަހަރުގެ އޭޕްރިލް މަހު ސޮއިކުރެވޭނެ ކަމަށް ކުރިން ވިދާޅުވިޔަސް ކުރަން ޖެހޭ މަސައްކަތަކީ ބޮޑު މަސައްކަތަކަށް ވާތީ ސީދާ ތާރީހެއް ވިދާޅުވާން ދަތި ކަމަށެވެ.

ފްރީޓްރޭޑް އެއްބަސްވުމުގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ރާއްޖޭގެ މަސްވެރިންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ސީފުޑްގެ ހުރިހާ ބާވަތެއް ސުން ޕަސެންޓް ޓެރިފްގައި ޗައިނާއަށް އެކްސްޕޯޓްކުރުމުގެ ފުރުސަތު އެއްބަސްވުމުގެ ސަބަބުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދެމެދު ގާއިމްކުރުން އުޅޭ އެއްބަސްވުމަށް ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން ( ޑަބްލިއުޓީއޯ)ގެ ތާއީދުވެސް ލިބިފައިވާ ކަމަށެވެ.

"...ޑަބްލިއުޓީއޯގެ ފަރާތުން ރާއްޖެއަށް ވަޑައިގެންނެވި މިކަމުގެ ފަންނީ ބޭފުޅުން ވެސް ފާހަގަކުރެއްވި ހަގީގަތުގައި ރީޖަނަލް ފެންވަރުގައި ވެސް ވަރަށް ބޮޑު ސަމާލުކަމެއް މިއެއްބަސްވުމަށް ލިބޭނޭ. އަދި ދުނިޔޭގެ ފެންވަރުގައި ވެސް ބަލައިގަތުންތަކެއް ލިބޭނޭ،" ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޗައިނާގެ މައިސަރުކާރާ އެކު ގާއިމްކުރާ އެއްބަސްވުމުގެ އިތުރުން ހޮންކޮންގާއި އެކު ގާއިމްކުރަން މަސައްކަތްކުރާ އެއްބަސްވުމާ ބެހޭ މަޝްވަރާތައް ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެވާހަކަ ތަކުގެ ދެވަނަ ބުރު ހޮންކޮންގައި ވަރަށް އަވަހަށް ބާއްވަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.