ވިޔަފާރި

ފްރީޓްރޭޑް އެއްބަސްވުން ގާއިމްކުރަން އިތުރު ގައުމުތަކާއެކު މަޝްވަރާ ފަށަނީ

ރާއްޖެއާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމް ކުރަން ބައެއް ގައުމުތަކަށް ދައުވަތުދީ، އެކަމުގެ މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާ ކަަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބަނޑޮސް މޯލްޑިވްސްގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިނގިރޭސިވިލާތާއި ޖަޕާނާއި އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަން އަށް ރާއްޖެއާއެކު ފްރީޓްރޭޑް އެއްބަސްވުމެއް ގާއިމުކުރަން ދައުވަތު ދީފައިވާ ކަމަށެވެ. އެ ގައުމުތަކަށް ދިން ދައުވަތަށް އެއްވެސް އިޖާބަ ދީފައި ވޭތޯ "އަވަސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއް ގައުމަކާއެކު މަޝްވަރާތައް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް ކުރިއެރުންތަކެއް ލިބިފައި އެބަހުރި. ދެން އިރާދަކުރެއްވިއްޔާ މިއަންނަ މަސް ތެރޭގައި އަޅުގަނޑުމެންނަށް އެހެން ގައުމަކާ އެއްކޮށް އިރާދަކުރެއްވިއްޔާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ނެގޯސިއޭޝަންތައް ފެށޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެއީ ކޮން ގައުމަކާ ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

ޗައިނާއާއި ރާއްޖެއިން މަޝްވަރާކުރަމުން އަންނަ ފްރީޓްރޭޑް އެއްބަސްވުމާ ބެހޭ ގޮތުން ބަނޑޮސް މޯލްޑިވްސްގައި މިހާރު ބާއްވަމުން އަންނަނީ އެންމެ ފަހު މަޝްވަރާތަކެވެ. އެ މަޝްވަރާތައް މާދަމާ ނިންމާލާއިރު އެއްބަސްވުމުގައި މިއަހަރު ދެބައި ނުވަނީސް ސޮއިކުރެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

".. އަޅުގަނޑުމެން ހުންނާނެ އެޑްމިނިސްޓްރޭޓިވްލީ ކުރަން ޖެހޭނެ ބައެއް މަސައްކަތްތައް. އެކަންތައްތައް ދެގައުމުން ވެސް ބަލާނެ. ބަލާފައި ސޮއިކުރެވޭ ހިސާބަށް ދާން އަޅުގަނޑު މިލަފާކުރަނީ ގާތްގަނޑަކަށް މިއަހަރުގެ ފުރަތަމަ ހަމަސް ދުވަސް ތެރޭގައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއްބަސްވުމުގައި މިއަހަރުގެ އޭޕްރިލް މަހު ސޮއިކުރެވޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް ކުރަން ޖެހޭ މަސައްކަތަކީ ބޮޑު މަސައްކަތަކަށް ވާތީ ސީދާ ތާރީހެއް ވިދާޅުވާން ދަތި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފްރީޓްރޭޑް އެއްބަސްވުމުގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ރާއްޖޭގެ މަސްވެރިންނަށް ކަމަށެވެ. އެގޮތުން ސީފުޑްގެ ހުރިހާ ބާވަތެއް ސުން ޕަސެންޓް ޓެރިފްގައި ޗައިނާއަށް އެކްސްޕޯޓްކުރުމުގެ ފުރުސަތު އެއްބަސްވުމުގެ ސަބަބުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޗައިނާއާއި ރާއްޖެއާ ދެމެދު ގާއިމްކުރުން އުޅޭ އެއްބަސްވުމަށް ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން ( ޑަބްލިއުޓީއޯ)ގެ ތާއީދުވެސް ލިބިފައިވާ ކަމަށެވެ.

"...ޑަބްލިއުޓީއޯގެ ފަރާތުން ރާއްޖެއަށް ވަޑައިގެންނެވި މިކަމުގެ ފަންނީ ބޭފުޅުން ވެސް ފާހަގަކުރެއްވި ހަގީގަތުގައި ރީޖަނަލް ފެންވަރުގައި ވެސް ވަރަށް ބޮޑު ސަމާލުކަމެއް މިއެއްބަސްވުމަށް ލިބޭނޭ. އަދި ދުނިޔޭގެ ފެންވަރުގައި ވެސް ބަލައިގަތުންތަކެއް ލިބޭނޭ،" ސައީދު ވިދާޅުވިއެވެ.