ރާއްޖެއަށް މިދިޔަ މާޗް މަހު 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފި އެވެ.
މޯލްޑިވްސް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި މާޗް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2023 ވަނަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު ހަތަރު ޕަސަންޓް ވަނީ އިތުރުވެފަ އެވެ.
ރާއްޖެއަށް މިދިޔަ އަހަރުގެ މާޗް މަހު އިމްޕޯޓްކޮށްފައިވަނީ 4.2 ބިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ އޮމާނުންނެވެ. ޖުމްލަ އިމްޕޯޓްގެ ތެރެއިން 777 މިލިއަން ރުފިޔާ -- 18 ޕަސަންޓްގެ މުދާ އިމްޕޯޓްކޮށްފައިވަނީ އޮމާނުންނެވެ.
އިންޑިއާއިން 763 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު ޔޫއޭއީ އިން 671 މިލިއަން ރުފިޔާގެ މުދާ، ޗައިނާއިން 440 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 401 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.
އިމްޕޯޓް އިތުރުވި ނަމަވެސް އެކްސްޕޯޓް އަދި ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ 2023 ވަނަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު މި އަހަރުގެ މާޗް މަހު ދަށަށް ގޮސްފަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މާޗްމަހު ރާއްޖެއިން 343 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ މަހު އެކްސްޕޯޓް ކުރީ 124 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 64 ޕަސަންޓް ދަށްވުމެކެވެ.
ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް މިދިޔަ އަހަރުގެ މާޗް މަހު ދައުލަތަށް 330 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ މާޗް މަހު ލިބުނީ 320 މިލިއަން ރުފިޔާ އެވެ.